ފެނަކައިގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ ކޮރަޕްޝަންގެ 25 މައްސަލައެއް މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ފެނަކައިގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަތައް އޭސީސީއަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް މިއަހަރުގެ މާޗު މަހުގެ ކުރީކޮޅު މުއާޒު ވަނީ ވިދާޅުވެފައެވެ.
އެސްއެސްޓީވީގެ "ބާރުހަތަރެއް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިރޭ މުއާޒު ވިދާޅުވީ، މިހާތަނަށް ބެލުމަށްފަހު ފާހަގަކުރެވުނު 25 މައްސަލައެއް ހުށަހަޅާފައިވާނެ ކަމަށެވެ.
...އޭރުގަ މެނޭޖްމަންޓުން ކަންކަން ކޮށްފައި އޮތްގޮތުގެ ވާހަކަ މިދައްކަވަނީ. އެކަން ބަލައި އޭގެ ތެރެއިން ފާހަގަކުރެވުނު 25 މައްސަލައެއް އޭސީސީއަށް މިހާރު ހުށަހަޅާފައި އަޅުގަނޑުމެން އޮންނާނީ. އެކަން ތަހުގީގުކޮށް އިތުރަށް ބަލަންޖެހޭ މައްސަލަތައް ބެލުން އޭސީސީގެ ފަރާތުން ވެސް މިހާރު ކުރަމުން އެ ގެންދަނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު
މުއާޒް ވިދާޅުވީ ދާދި އަވަހަށް އެ މައްސަލަތަކުގެ ކޮންމެވެސް ނަތީޖާއެއް ފެންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އެކަމުގެ ތަފުސީލް ދެއްވައި މުއާޒު ވިދާޅުވީ، ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ކުރިއިރު ފެނަކައިގައި ވަރަށް ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
އޭގެތެރޭގައި ނުގަވައިދުން އެތައް ކަމެއް ކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށާއި އެއީ ކުންފުންޏަށް ގެއްލުންވާގޮތަށް ހިންގާފައި ހުރި ޕްރޮޖެކްޓުތަކެއް ކަމަށް މުއާޒް ވިދާޅުވިއެވެ. ހަމައެއާއެކު އެ ކަންކަމަކީ ނާޖާއިޒު މަންފާ ލިބޭނެ ގޮތަށް ކޮށްފަހުރި ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވީ ފެނަކައަކީ "ކޮރަޕްޝަންގެ ހާއްޔެއް"ގެ ގޮތުގައި ސިފަކުރަމުންނެވެ. އަދި އެ ކުންފުނި އޮތީ 1.7 ބިލިއަން ރުފިޔާއިން ދަރުވާލާފައި ކަމަށް ފެނަކައިން ވަނީ މީގެ ކުރިން ބުނެފައެވެ.
ނަމަވެސް މި ވެރިކަމަށް ހަތް މަސް ދުވަސްތެރޭ ފެނަކައިގެ ދަރަނީގެ ގޮތުގައި ހުރި ފައިސާގެ ތެރެއިން 300 މިލިއަން ރުފިޔާ ދައްކައިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ފައިސާ ދޫކޮށް ޚަލާސްކުރި ފަރާތްތަކުގެ ތެރޭގައި 278 ވެންޑަރުން ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ގެއްލުމުގައި ހިންގަމުން އައި އެ ކުންފުންޏަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހަތް މިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.