މި އަހަރުގެ ދެވަނަ ކުއާޓަރު ނިންމާލީ 7.4 މިލިއަން ރުފިޔާގެ ފައިދާއާއެކުގައި ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމާ ހަވާލުވެ ވަޑައިގެންނެވިއިރު، އެ ކުއާޓަރުގައި ލިބުނު ގެއްލުމުގެ އަދަދު ހުރީ 24.7 މިލިއަން ރުފިޔާގައި ކަމަށެވެ.
ނަމަވެސް، އެއާ ޚިލާފަށް ފައިސާގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 4.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި ނިމުނު ދެވަނަ ކުއާޓަރުގައި ފައިދާއަށް 7.4 މިލިއަން ލިބުނު ކަމަށް މުއާޒް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން، މުއާޒް ވިދާޅުވީ، ކުރިން ކަންތައް ކުރި ގޮތަށް ކަންތައްތައް ކުރަމުންދާ ނަމަ މި ކުއާޓަރު ނިމޭއިރު ވެސް އޮންނާނީ 50 މިލިއަން ރުފިޔާގެ ގެއްލުމުގައި ކަމަށާއި ކުންފުނީގެ މަސައްކަތްތައް ކުރިއަށް ދަނީ މިހާރު ވެސް ހުރި ގޮންޖެހުންތަކާ އެކުގައި ކަމަށެވެ.
މީގެ އިތުރުން، މިކަމާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހިއްސާކުރައްވަމުން ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސެން ޒުހުރީ ވިދާޅުވީ، ކުންފުންޏަށް ފައިދާ ހޯދަނީ ޚަރަދު ކުޑަކޮށްގެން ކަމަށާއި އެންމެ ބޮޑަށް ޚަރަދު ހިނގާ ކަންކަން ދެނެގަނެ، އެކަމަށް ހިނގާ ހޭދަތައް ކުޑަކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
ކޯސްޓު ކަޓްޑައުން ކުރުމަށް އަޅުގަނޑުމެން އެބަ އޮތް ޕްލޭންކޮށްފައި، އަޅުގަނޑުމެންގެ 150 ރަށުގައި މި ހުރިހާ ފެނަކަ އޮފީސް ނުވަތަ ޕަވާ ހައުސްތަކުގެ ފުރާޅުގައި ސޯލާ ޖެހުމުގެ ޕްރޮޖެޓެއް މިހާރު އެބައިން ޑިޒައިންކޮށްފައި، މި ޕްރޮޖެކްޓާ އެކީގައި 5.2 މެގަވޯޓް އިތުރަށް ލިބިގެންދޭ، އެއާ އެކީގައި 19 ވަރަކަށް މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް އަހަރެއްގެ މައްޗަށް ސަލާމަތް ކުރެވޭ މި ޕްރޮޖެކްޓާ އެކީގައި ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސެން ޒުހުރީ
އެންމެ ބޮޑު ހަރަދެއް ހިނގަނީ ދަތުރުފަތުރަށް ކަމަށާއި މިދިޔަ ކުއާޓަރުގައި އެ ޚަރަދު ކުޑަ ކުރެވިފައި ހުރީ ޕްރޮކިއުމަންޓު ޕޮލިސީ ހަރުދަނާކޮށްގެން ކަމަށް ޒުހުރީ ވިދާޅުވިއެވެ. އަދި، އެ ދަތުރުފަތުރަށް ހިނގާ ޚަރަދު ކުޑަކުރުމަށް ކުއްޔަށް ނެގި ދޯނީގެ ނަތީޖާ އަންނަ ކުއާޓަރުގައި ވަރަށް ބޮޑަށް ފެންނާނެ ކަން ޒުހުރީ ވަނީ ފާހަގަކުރައްވާފައެވެ.