ކުއަޑް ސަމިޓުގައި ޓްރަމްޕް ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް-- ފޮޓޯ: ރޮއިޓާސް

އިންޑޯ-ޕެސިފިކް ސަރަހައްދުގެ ކުއަޑް ގައުމުތަކުގެ ލީޑަރުންގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަތުމަށް ނިންމައިފިއެވެ.

ނިއު ދިއްލީގެ މަސްދަރުތަކާ ހަވާލާދީ ދަ ހިންދޫ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ސަމިޓުގެ ހަވާސާގައި ބާއްވާ މި ބައްދަލުވުމަކީ 2024 ވަނަ އަހަރަށްފަހު އެމެރިކާއާއި ޖަޕާނާއި އޮސްޓްރޭލިއާ އަދި އިންޑިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

ފިލިޕީންސްއަށް މިއަދު ފެއްޓެވި މި ދަތުރުފުޅަށްފަހު ޗައިނާގެ ޝެންޒެންގައި ބާއްވާ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ފޯރަމާއި، ޗައިނާއާއި ރަޝިޔާގެ ރައީސުންނާއެކު ބާއްވާ ތިން ގައުމުގެ މަޝްވަރާތަކުގައި ވެސް ޓްރަމްޕް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު އޮލިވިއާ ވޭލްސް ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ ޒައާމަތުގައި ކުއަޑްއަކީ މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދެއް ކަށަވަރުކުރުމަށް އަމަލީ ގޮތުން މަސައްކަތްކުރާ ގުޅުމެއްކަން ވަނީ ސާބިތުކޮށްދީފައެވެ.

ޑޮއިޗާ ވެލެއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީސްޓް އޭޝިއާ ސަމިޓުގައި ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް، ވިޔަފާރިއާއި ސަލާމަތީ ކަންކަމާ ގުޅޭ އެމެރިކާ-އާސިއާން ޚާއްސަ ސަމިޓެއްގައި ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ފިލިޕީންސްގެ ރައީސް ފާޑިނެންޑް މާކޯސް ޖޫނިއާއާއެކު ދޭދޭ މަޝްވަރާތައް ބާއްވަވާނެއެވެ.

މީގެ އިތުރުން، ތައިލެންޑުގެ ބޮޑުވަޒީރު އަނުތިން ޗާންވިރަކުލްއާއެކު ވިޔަފާރިއާ ގުޅޭ ބަޔާނެއްގައި މިއަދު ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ ތަރުޖަމާނު އެކަޕޮޕް ޕިއަންޕިސެސް ވިދާޅުވިއެވެ.

އަނުތިން އިއްޔެ ވިދާޅުވީ، ދެ ގައުމުގެ ވިޔަފާރީގެ އެއްބަސްވުމުގެ މައިގަނޑު މަޝްވަރާތައް ނިމިފައިވާ ކަމަށާއި، ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ޓެކްސްތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. ތައިލެންޑުގެ އެކްސްޕޯޓުގެ 24 އިންސައްތަ ހިއްސާކުރާ އެންމެ ބޮޑު ބާޒާރަކީ އެމެރިކާއެވެ.

ޓްރަމްޕްގެ ދަތުރުފުޅާ ދިމާކޮށް މެނީލާގައި އިހުތިޖާޖުތައް ކުރިމަތިވެދާނެ ކަމަށް ބެލެވޭއިރު، މީގެ ކުރިން ކުރި މުޒާހަރާތަކުގައި ވަނީ މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށާއި އެމެރިކާ އިސްވެ އޮންނަ ޕެކްސް ސިލިކާ ސަޕްލައި ޗެއިން މަޝްރޫއު އުވާލުމަށް ގޮވާލާފައެވެ.

އެމެރިކާގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ކާޓް ކޭމްޕްބެލް ވިދާޅުވީ، ކުއަޑް އަލުން އެއްކުރެއްވުމުގެ ފަހަތުގައި ހުންނެވީ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ކަމަށާއި، މިއީ ޗައިނާއާއި ރަޝިޔާއާއެކު ބާއްވާ ބައްދަލުވުމުގެ ކުރިން ދެވޭނެ އެންމެ ރަނގަޅު ސިގްނަލް ކަމަށެވެ. އާސިއާން ބައްދަލުވުމުގައި ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކާއިޗީ ވަނީ އޭއައި އާއި މުހިންމު މައުދަންތަކުގެ ސަޕްލައި ޗެއިން ހަރުދަނާކުރުމުގައި ޖަޕާނުން އިތުރަށް އިސްނަގާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާގެ ބޮޑުވަޒީރު ލީ ކިއާންގް ވަނީ ވިޔަފާރީގެ ހުރަސްތަކާ އެކުވެސް ޗައިނާއާއި އާސިއާންއިން ހޯދާފައިވާ ކުރިއެރުންތަކަށް ތާރީފުކުރައްވައި، ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

comment ކޮމެންޓް