ޗައިނާގެ ޒިއަމެން އެއާލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށައިފި

ޒިއަމެން އެއާލައިންގެ ބޯއިން 787 މަތިންދާބޯޓު ވެލާނާ އިޓަނޭޝާނަލް އެއާޕޯޓުގައި--- ފޮޓޯ/ އެމްއޭސީއެލް

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ، ޗައިނާގެ ޒިއަމެން އެއާލައިންސްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ.

މި އެއާލައިންގެ ފުރަތަމަ ދަތުރު ބޯއިން 787 މަތިންދާބޯޓު ކާމިޔާބުކަމާއެކު އިއްޔެ ވަނީ ވެލާނާ އިޓަނޭޝާނަލް އެއާޕޯޓަށް ޖައްސާފައެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ މިއީ އެ އެއާލައިންގެ އައު އޮޕަރޭޝަންތަކުގެ ފެށުން ކަމަށެވެ.

އަދި މިހާރު ކޮންމެ ހަފުތާއަކު ތިން ދަތުރު ޗައިނާއިން މާލެއަށް ކުރަން ހަމަޖެހިފައި ވާކަމަށާއި މި ދަތުރުތަކާއެކު ޗައިނާގެ ދަތުރުވެރިންނަށް ރާއްޖެ އައުމަށް ފަސޭހަ ވެގެންދާނެ ކަމަށް ވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެެވެ.

ޒިއަމެން އެއާލައިންސްއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފެށުން--- ފޮޓޯ/ އެމްޢޭސީއެލް

އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމާ ގުޅިގެން އެ އެއާލައިނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިއީ އެ އެއާލައިންގެ ފުރަތަމަ ދެކުނު އޭޝިއާގެ ރޫޓްގެ އިތުރުން ފުޖިއާންއިން ދިވެހިރާއްޖެއަށް ކުރި ފުރަތަމަ ދަތުރު ކަމަށެވެ.

މި ފަހުން ގިނަ އެއާލައިން ތަކަކުން ރާއްޖެއަށް ދަތުރު ފަށައިފައި ވާއިރު މެދުއިރުމަތީގެ ބަޖެޓު އެއާލައިނެއް ކަމަށްވާ އެއާ އަރޭބިއާއިން އަންނަ އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ޝާރްޖާއިން ދިވެހިރާއްޖެއަށް ކޮންމެ ދުވަހަކު ޑައިރެކްޓް ދަތުރުތައް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާ މެލޭޝިއާ އެއާލައިން އިން ރާއްޖެއާ އެ ގައުމާ ދޭތެރޭ ޝެޑިއުލް ދަތުރުތައް ފެށުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް