މައިކްރޯސޮފްޓްގެ ޚިދުމަތްތަކަށް އަނެއްކާވެސް ބުރޫއަރައިފި

މައިކްރޯސޮފްޓްގެ ޚިދުމަތް ނުލިބޭ ކަމަށް ބުނެ އެކްސްގައި މީހަކު ކޮށްފައިވާ ޕޯސްޓެއް: އެ ކުންފުނިން ވަނީ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި --

މައިކްރޯސޮފްޓްގެ ޚިދުމަތްތަކަށް ބުރޫ އަރައި، އެތައް މިލިއަން މީހުންނަށް ދަތިތަކާ ކުރިމަތިވިތާ ދެ ހަފުތާ ވެސް ނުވަނީސް، އެ ކުންފުނީގެ ޚިދުމަތްތައް ލިބުމަށް އަނެއްކާވެސް ހުރަސްއެޅިއްޖެއެވެ.

ސޯޝަލް މީޑިއާގައި މީގެ ދެ ގަޑިއެއްހާއިރު ކުރިން ފެށިގެން މީހުން ވަނީ މައިކްރޯސޮފްޓްގެ ބައެއް ޚިދުމަތްތައް ބޭނުން ނުކުރެވޭ ކަމަށް ރިޕޯޓުކުރަން ފަށައިފައެވެ. އެގޮތުން އީމެއިލް އާއި އެކްސްބޮކްސް ލައިވް އާއި ކްލައުޑް ޚިދުމަތްތައް ހިމެނޭ 365 ފަންކްޝަންސް ބޭނުން ނުކުރެވޭ ކަމަށް އެ މީހުން ބުނެފައިވެއެވެ.

މައިކްރޮސޮފްޓްއިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ ޚިދުމަތްތައް ލިބުމުގައި ދަތިތައް އުޅޭ ކަމުގެ ރިޕޯޓްތައް ދުނިޔޭގެ އެކި ހިސާބުތަކުން ލިބެމުން އަންނަ ކަމަށެވެ. އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް، މައްސަލަ ހައްލުވި ކަމަށް މިހާތަނަށް ބުނެފައިނުވެއެވެ.

މިމަހުގެ 19ގައި މައިކްރޯސޮފްޓްގެ ޚިދުމަތްތައް މެދުކެނޑުނީ އެ ކުންފުނިން ބޭނުންކުރާ ސައިބާސެކިއުރިޓީ ކުންފުނި ކްރައުޑްސްޓްރައިކްއިން ގެނައި އަޕްޑޭޓަކާ ގުޅިގެންނެވެ.

އެ މައްސަލައިގެ ސަބަބުން އެކި ގައުމުތަކުން 8.5 މިލިއަން ސިސްޓަމް ބޭނުންނުކުރެވި، އާންމު ދިރިއުޅުމާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރިއެވެ. އެގޮތުން އެއާޕޯޓްތަކުގެ ސިސްޓަމްތައް ބޭނުންނުކުރެވުމުން ވައިގެ ދަތުރުފަތުރަށް ހުރަސްއެޅި، ބޭންކުތަކާއި ހޮޓެލްތަކާއި ހޮސްޕިޓަލްތަކުން ވެސް ޚިދުމަތް ނުދެވި، އުފެއްދުންތެރިކަމުގެ ސިނާއަތަށް މައްސަލަތައް ދިމާވިއެވެ.

އެ މައްސަލައިގެ ސަބަބުން އެމެރިކާގެ އެންމެ ބޮޑު ކުންފުނިތަކަށް ލިބުނު ގެއްލުމުގެ އަގު 5.4 ބިލިއަން ޑޮލަރަށް އަރާ ކަމަށް އިންޝޫރެންސް ކުންފުނި ޕެރެމެޓްރިކްސްއިން ބުނެފައިވެއެވެ.

comment ކޮމެންޓް