ބީއެމްއެލްގެ ސާފު ފައިދާ 448 މިލިއަން ރުފިޔާއަށް އަރައިފި

ބީއެމްއެލްއަށް މި ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 448 މިލިއަން ވަނީ ލިބިފަ--- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 448 މިލިއަން ރުފިޔާ ލިބިފައި ވާކަމަށް އެ ބޭންކުން ބުނެފިއެވެ.

އެ ބޭންކުން ބުނީ މި ކުއާޓަރުގައި ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ ލިބިފައި ވާއިރު މިއީ ނިމިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު ތިން ޕަސެންޓު އިތުރު ވުމެއް ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ބޭންކުން ވަނީ 2.8 ބިލިއަން ރުފިޔާގެ އައު ލޯނު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައެވެ. އެ ބޭންކުން ބުނީ މި ކުއާޓަރުގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ލިބިފައި ވާކަމަށެވެ. އަދި ބޭންކުގެ ރައުސްމާލު ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައި ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނީ މި ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓުގެ އަދަދު ވަނީ 44.9 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށެވެ. އަދި ކަސްޓަމަރުން ޑިޕޮސިޓް ކޮށްފައިވާ އަދަދަށް ބަލާއިރު 29.5 ބިލިއަން ރުފިޔާ ލިބިފައި ވާކަމަށާއި އިންފްލޭޝަނާ ގުޅިގެން އަންނަ ޕްރެޝަރުތަކާ އެކުވެސް ހިންގުމުގެ ހަރަދުތައް ހިފެހެއްޓިފައި ވާކަމަށެވެ. އަދި ޕްރޮވިޝަން ކަވާ ކުރީ ހަރުދަނާ ކަމާއެކު 100 އިންސައްތައިގައި ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން--- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްއިން ވަނީ މި ކުއާޓަރުގައި ޝަރުއީ ހަމަތަކަށް ފެތޭ ފުރަތަމަ ކްރެޑިޓް ކާޑު ރާޢްޖެއަށް ތާރަފްކޮށްފައި ވާނެކަމާ ގެދޮރު އިމާރާތް ކުރުމާއި މާރާމާތު ކުރުމަށް ކަސްޓަމަރުންގެ ޑިމާންޑަށް ބަަލައި ހޯމް ބިލްޑް އަދި ހޯމް އިކުއިޓީ ލޯނު ތާރަފްކޮށްފައި ވާކަންވެސް ފާހަގަކޮށްފައެވެ.

އަދި ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޖަމިއްޔާތައް ބާރުވެރިކޮށް މުޖްތަމައަށް އެހީވުމަށް ބޭންކުގެ ސީއެސްއާރު ހަރަކާތްތަކުގެ ތެރެއިން ނިމިދިޔަ ކުއާޓަރުގައި ވަނީ "ބޭންކް ފަންޑް" އަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް އެ ހިދުމަތް ދޭ ކުންފުންޏެވެ. އެ ކުންފުނީގައި މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔާއެކު 38 ބްރާންޗާއި ސާވިސް ސެންޓަރު، އަދި 86 ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 144 އޭޓީއެމް އަދި ކޭޝް އެޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ޚިދުމަތް ފޯރުކޮށްދެއެވެ. ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް