ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލާފައިވާ "ސްމޯލް އައިލޭންޑް ހޮސްޕިޓަލް ޕްރޮޖެކްޓު" ހިންގުމަށް ދިވެހި ސަރުކާރާއި ކުވޭތު ފަންޑު ފޯ އަރަބް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)އާ ދެމެދު ތިން މިލިއަން ދީނާރު (150 މިލިއަން ރުފިޔާ)ގެ ލޯނު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގެވެ. ކުވޭތު ފަންޑުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ފަންޑުގެ އެކްޓިން ޑިރެކްޓާ ޖެނެރަލް ވަލީދު އަލް ބަހަރެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި މަޝްރޫގެ މަގްސަދަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ރަށްރަށަށް ބޭނުންވާ ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

ސޮއިިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި އެއްބަސްވުމުގެ ދަށުން ރަށްރަށުގެ ސިއްހީ ޚިދުމަތްތައް ރަނގަޅު ކުރުން ހިމެނޭ ---- ފޮޓޯ/ ފިނޭންސް މިނިސްޓްރީ
ހަމައެހެންމެ، މި މަޝްރޫއުގެ ސަބަބުން ޚިދުމަތް ލިބޭ ރަށްތަކުގެ މެދުގައި ސިއްހީ ޚިދުމަތް ހޯދުމަށް ދަތުރު ކުރުމުގެ ޚަރަދު ކުޑަވެ، ރަށްރަށުގެ އާބާދީއަށާއި ފަތުރުވެރިންނަށް ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދެެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ދެވަނަ ފަންތީގެ ސިއްހީ ފަރުވާ އެންމެ އެކަށީގެންވާ ވަގުތުގައި ލިބޭނެ ކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އެ މަޝްރޫއުގެ ދަށުން އަޅާ ހޮސްޕިޓަލްތައް ތަރައްގީ ކުރުމުގެ ތެރޭގައި އިމާރާތްކުރުމުގެ މަސައްކަތްތަކާއި ހޮސްޕިޓަލް އިމާރާތްތަކާއި ޚިދުމަތްތަކުގެ އިލެކްޓްރޯ ޓެކްނިކަލް މަސައްކަތް ކުރުމާއި ސިއްޙީ އާލާތްތަކާއި ފަރުނީޗަރު ފޯރުކޮށްދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ސޮއިިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި އެއްބަސްވުމުގެ ދަށުން ރަށްރަށުގެ ސިއްހީ ޚިދުމަތްތައް ރަނގަޅު ކުރުން ހިމެނޭ ---- ފޮޓޯ/ ފިނޭންސް މިނިސްޓްރީ
އޭގެއިތުރުން، ހޮސްޕިޓަލްތަކުގެ ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރު ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ބޭނުންވާ އިންޖިނިއަރިން ޚިދުމަތްތަކުގެ އިތުރުން މަޝްރޫއު ތަންފީޒު ކުރާ ޔުނިޓް އެޅުން ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލާއި ކޮލޮމްބޯގައި ހުންނަ ކުވޭތު އެމްބަސީ އާއި ފިނޭންސް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.