އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި އިޓާލިއަން ސެރީއާގެ އެންމެ ފާހަގަކޮށްލެވޭ އެއް ޓީމު ކަމަށްވާ އޭސީ މިލާން ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗު މިލާނުން ކާމިޔާބުކޮށްފިއެވެ.
އެމެރިކާއަށް ޕްރި ސީޒަން ޓުއާ ކުރަމުންދާ ދެ ޓީމު މެޗު ކުޅެފައިވަނީ ނިއުޔޯކްގެ ޔެންކީ ސްޓޭޑިއަމްގައެވެ. މި މެޗު މިލާނުން ކާމިޔާބުކޮށްފައިވަނީ ސިޓީން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ 3-2 އިންނެވެ.
މެޗުގެ ފުރަތަމަ 15 ވަރަކަށް މިނެޓުގައި ދެޓީމަށްވެސް މާރަނގަޅު ކުޅުމެއް ދެއްކުނު ތަނެއް ނުފެނުނެވެ. މެޗަށް ދިރުމެއް ލިބުނީ މެޗުގެ 19 ވަނަ މިނެޓްގައި ސިޓީގެ އޮސްކާ ބޮބް ތަނަވަސްކޮށްދިން ފުރުސަތެއްގައި އާލިން ހާލަންޑް ލަނޑެއް ޖަހާ ސިޓީއަށް ލީޑު ނަގައިދިން ހިސާބުންނެވެ.
އެ ލަނޑަށް ފަހު މިލާނުން ނުރައްކާތެރި ދެތިން ހަމަލާ އުފެއްދިތަން ފެނުނެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 30 ވަނަ މިނެޓްގައި ސެމިއުލް ޗުކްވުއޭޒާގެ މަސައްކަތުން ތަނަވަލްކޮށްދިން ފުުރުސަތެއްގައި ލޮރެންޒޯ ކޮލޮމްބޯ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ މިލާނަށް ހަމަހަމަ ކޮށްދިނުމެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން ކޮލޮމްބޯވަނީ މިލާނަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ވެސް ނަގައިދީފައެވެ.
ދެވަނަ ހާފަށް ސިޓީއާއި މިލާނުން ވެސް ނުކުތީ އާ ސީޒަނަށް ދެ ޓީމުން ތައާރަފުކޮށްފައިވާ ތިންވަނަ ޖާޒީ ކިޓާ އެކުއެވެ. މި ހާފުގެ ކުޅުން ފެށިތާ 10 މިނެޓް ފަހުން ސިޓީގެ ޖޭމްސް މެކްއަޓީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުން މިލާން މޮޅުވި ލަނޑު މެޗުގެ 78 ވަނަ މިނެޓްގައި ޖަހައިފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާކޯ ނަސްޓީއެވެ. މި ލަނޑާ އެކު މެޗު ނިމުނީ 3-2 އިން މިލާން ކުރި ހޯދައިގެންނެވެ.