އެމެރިކާގެ ރައީސް ކަމަށް ވެރިކަން ކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް ބެލެވޭ އެ ގައުމުގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ތާއީދުކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޮބާމާ ވިދާޅުވީ ހެރިސްއަށް ފޯނުން ގުޅުއްވައި ވާހަކަ ދެއްކެވި ކަމަށާއި ފުރިހަމަ ތާއިދު އޮތް ކަން ހާމަކުރެއްވި ކަމަށެވެ.
"ހެރިސް ވާނީ އެމެރިކާއިން އުއްމީދު ކުރާ ފަދަ ރައީސަކަށް ކަމަށް ދެންނެވިން،" އޮބާމާ ލިޔުއްވާފައިވެއެވެ.
ރިޔާސީ އިންތިޚާބު ހެރިސްއަށް ކާމިޔާބު ކޮށްދެއްވުމަށް ޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ ރޭހުން ވަކިވެވަޑައިގެން، ހެރިސްއަށް ޓިކެޓް ދެއްވަން ތާއިދު ކުރައްވާ ކަމަށް އިއުލާންކުރެއްވީ މިދިޔަ އާދިއްތަ ދުވަހެވެ. އޭގެ ފަހުން ދުވަސްތަކެއްވީއިރު ވެސް އޮބާމާ ހެރިސްއަށް ތާއިދު ނުކުރައްވާތީ ބައެއް ފަރާތްތަކުން އެކަމާ ގުޅޭ ގޮތުން ސުވާލު އުފައްދާފައިވެއެވެ.
އޮބާމާއަކީ އެމެރިކާގައި ވެރިކަންކުރި އެފްރިކާ ދަރިކޮޅުގެ ފުރަތަމަ ރައީސެވެ. އޮބާމާ އެމެރިކާގެ ރައީސްކަން ކުރައްވައިފައި ވަނީ 2008 ވަނަ އަހަރުން 2017 ވަނަ އަހަރުގެ ނިޔަލަށެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި 59 އަހަރުގެ ހެރިސްއަށް އަރުވައިފި ނަމަ، އޭނާ ވެވަޑައިގަންނަވާނީ އެމެރިކާގެ ރިޔާސީ އިންތިޚާބެއްގައި ވާދަކުރައްވާ ކަޅު ނަސްލަށް ނިސްބަތްވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.
ވެރިކަމަށް ދުރުވެވަޑައިގެން ހުންނެވި ނަމަވެސް އޮބާމާއަކީ އަދިވެސް ޑިމްކޮރެޓިކް ޕާޓީގެ މަގްބޫލު ޝަޚުސިއްޔަތެކެވެ. އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން އަކީ އޮބާމާގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅާއެވެ.
ރައީސް ކަމަށް ހެރިސް ވާދަކުރައްވާނެ ކަމަށް ބެލެވޭއިރު، ރިޔާސީ ރޭހުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވުރެ ކުރީގައި އުޅުއްވަނީ ހެރިސް ކަމަށް މިދިޔަ ހަފުތާ ކުރީކޮޅު އާންމުކުރު ރޮއިޓާސް ޕޯލުން ވަނީ ދައްކައިފައެވެ.
އުމުރުން 81 އަހަރުގެ ބައިޑަން ރިޔާސީ ރޭހުން ފެޔަށް ޖެހިވަޑައިގެންފައިވަނީ، އޭނާގެ އުމުރު މާ ދޮށިވެއްޖެ ކަމަށް ބުނެ, ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް އެހެން ބޭފުޅަކަށް ހަވާލު ކުރުމަށް ޕާޓީގެ ގިނަ މެންބަރުންތަކެއް ގޮވައިލައިފައިވާ ދަނޑިވަޅެއްގައެވެ.