27 މީހުންނާއެކު ވޭވަށު ފަރަށް ސާފާރީއެއް އަރައި ބޮޑެތި ގެއްލުންތަކެއް

ވޭވަށު ފަރަށް މައިނާ އެކެއް ނަމަކަށް ކިޔާ ސަފާރީއެއް އަރާފައި: ފަރަށް އެރިއިރު ސަފާރީގައި ޖުމްލަ 27 މީހުން ތިބި --- ފޮޓޯ/ ފިއުޗާ ކްލައިމެޓް ރެފިއުޖީ

ޖުމުލަ 27 މީހުންނާއެކު މ. ވޭވަށު ފަރަށް "މައިނާ އެކެއް" ނަމަކަށް ކިޔާ ސާފާރީއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މިކަމާ ގުޅިގެން ވޭވަށު ކައުންސިލްގެ ރައީސް މަމްދޫހު ވަހީދު 'ސަން'އަށް ވިދާޅުވީ، އެ ސަފާރީ ފަރަށް އެރީ އެރަށު ބޭރު ފަޅުގައި އަޅާފައި އޮތްވާ ރޭ އައި ވިލާގަނޑެއްގައި ސަފާރީގެ ނަގިލި ކަހާލައިގެން ކަމަށެވެ.

އެގޮތުން، ސަފާރީ ފަރަށް އެރިއިރު، 18 ފަތުރުވެރިންނާއި ނުވަ ފަޅުވެރިން ތިބި ކަމަށް މަމްދޫހު ވިދާޅުވިއެވެ.

ސަފާރީ ފަރަށް އެރި މައުލޫމާތު ލިބުމާއެކު، އެހީ ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ދިޔައިރު، ސަފާރީގައި ތިބި ހުރިހާ އެންމެން ތިބީ މޫދުގައި ކަމަށް މަމްދޫހު ވިދާޅުވިއެވެ.

"ދެން އަޅުގަނޑުމެންނަށް ގުޅީމައި އަޅުގަނޑުމެން ދިޔައީ މި ކޮޅުން، ދެ ޑިންގީއާއި އެއް ލޯންޗާ، ދަޔައިރު ހުރިހާ އެންމެން ތިބީ މޫދުގައި، ވަރަށް ބޮޑަށް އަރިވެފައި އޮތީ، އޭގައި ތިބެވޭ ވަރުވެސް ނުވޭ" އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެ ހާދިސާއާ ގުޅިގެން 18 ފަތުރުވެރިން ރަށަށް ގެނެވިފައިވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ސަފާރީގެ ފަޅުވެރިން ވޭވަށަށް އައީ އެމީހުންގެ ޑައިވިން ދޯނީގައި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެރަށުގައި ހުރި ވަސީލަތްތަކުން ސަފާރީ ފުން ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، ބެލޫން ޖަހައިގެން ފުން ކުރާ ވާހަކަ ދެކެވުނު ކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ، އެ ސަރަހައްދުގައި މިއަދު އެމްއެންޑީއެފުން ވެސް ހަރަކާތްތެރިވި ކަމަށެވެ.

މި މައްސަލަ މިހާތަނަށް އީޕީއޭއަށް ހުށަހަޅާފައި ނުވާއިރު، މި ހާދިސާއާ ގުޅުން ހުރި އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދާނެ ކަމަށް އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވިއެވެ.

comment ކޮމެންޓް