ދިވެހިރާއްޖޭގެ މިނިވަންކަން ދަމަހައްޓަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގައި ހުރިހާ ރައްޔިތުން އެއް ރޫހެއްގައި ބައިވެރިވާން ޖެހޭ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައިސް މި ފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ.
ރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާ ދެއްވި މި ވީޑިއޯ މެސެޖުގައި ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ޤައުމެއްކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި، ރާއްޖޭގެ މިނިވަންކަމަށް ބަޔަކު އަތްގަދަކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރީންތަކެއް ނުކުމެ ޤައުމު ސަލާމަތްކޮށްދޭކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"ގައުމުގެ ރައްޔިތުންގެ އުންމީދުތައް ހާސިލުވާނީ ވެސް މިނިވަންކަން އޮވެގެން،" ނައިބު ރައީސް ވިދާޅުވިއެވެ.
ދިވެހި މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރެއްވި ވަރުގަދަ ބަޠަލުންގެ ޒިކުރާ އާކުރައްވައި ކާބަފައިންވީ ގުރުބާނީ ޝުކުރުވެރިކަމާ އެކު އެ މަނިކުފާނު ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކުރެއްވުމަށާއި، ޤައުމުގެ ސުލްޙަވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގައި، ބައިވެރިވެވަޑައިގެންނެވުމަށް ދިވެހި ރައްޔިތުންނަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
"މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކުރެއްވުމަށާއި ގައުމުގެ ސުލްހަވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގައި އެއް ރޫހެއްގައި ބައިވެރިވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ ދިވެހިރާއްޖެ މިނިވަންކަމާއި ފާގަތިކަން އަބަދު ލަހައްޓަވައިދެއްވުމަށް އެދި ދުޢާކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ކުުރިން 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމަށް ފަހު އެ އެއްބަސްވުން އުވާލާއި އާ މުވާހަދާއެއްގައި ސޮއިކުރިއެވެ. އެ މުއާހަދާއާ އެކު ޚާރިޖީގޮތުންނާއި ސިޔާސީގޮތުން ފުރިހަމަ މިނިވަން ގައުމަކަށް ރާއްޖެ ވެގެންދިޔައެވެ.
މި އެއްބަސްވުމުގައި ސޮއެކުރީ ޖުލައި 26، 1965 ގައި ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގައެވެ. ސޮއެކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. މިނިވަން ދުވަސް ފާހަގަކުރަނީ އެ ކަމުގެ މުނާސަބަތުގައެވެ.