ޝަރަފުގެ ބެޖު ވެއްޓުނަ ނުދިން، ރައީސަށް އެތައް ބަޔެއްގެ ތައުރީފު

ކ. ތުލުސްދޫ، ރޯޒީ ޚާލިދު ގާސިމަށް ރައީސް --

ރޭ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅެއްގެ އަގުވަޒަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވި ޝަރަފުގެ ބެޖު ވެއްޓުނަ ނުދިނުމުން އެމަނިކުފާނަށް އެތައް ބަޔަކު ތައުރީފުކޮށްފިއެވެ.

ގިނަ ބަޔަކު އަންނަނީ ބެޖު ވެއްޓެން ދިޔަ ވަގުތުކޮޅުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށް ރައީސަށް ތައުރީފު ކުރަމުންނެވެ.

މި ވީޑިއޯއިން ފެންނަނީ ކ. ތުލުސްދޫ، ރޯޒީ، ޚާލިދު ގާސިމާ ބެޖު ހަވާލުކުރައްވަނިކޮށް، ޚާލިދުގެ އަތުން ބެޖު ދޫވާ މަންޒަރެވެ. ނަމަވެސް، ރައީސް އެ ބެޖު ވެއްޓުނަނުދީ، ހުޝިޔާރުކަމާއެކު ހިފަހައްޓަވައެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށް މީހުން ވަނީ ރައީސްގެ އަވަސް ހަރަކާތްޕުޅަށް ތައުރީފުކޮށް، ޝުކުރު ވެސް އަދާކޮށްފައެވެ. އަދި ބައެއް މީހުން ވަނީ، ޝަރަފުގެ ބެޖު ރައްކާތެރި ކުރެއްވި ގޮތަށް، އެ މަނިކުފާނު ގައުމު ރައްކާތެރިކޮށްދެއްވާނެ ކަމުގެ އިތުބާރު އޮތް ކަމަށް ވެސް ބުނެފައެވެ.

"މިއިން ވެސް ހާމަ މިވަނީ އެ މަނިކުފާނު މި ގައުމުގެ ކަރާމަތާއި އިއްޒަތް ވެއްޓުނަ ނުދެއްވާނެ ކަމެވެ،" ފޭސްބުކްގައި މީހަކު ބުނެފައިވެއެވެ.

ޚާލިދު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ ކ. އަތޮޅު ގާޒީ ކަމުގެ މަގާމުގައި 11 ޖުލައި 1987 ވަނަ އަހަރެވެ. އޭގެފަހުން ކ. ހިންމަފުށި ކޯޓުގެ ގާޒީކަމާއި ކ. ދިށްފުށީ ކޯޓުގެ ގާޒީކަމާއި ކ. ތުލުސްދޫ ކޯޓުގެ ގާޒީކަމާއި މެޖިސްޓްރޭޓްކަން ކުރައްވާފައިވެއެވެ.

ދެހާސް ސަތާރަ ވަނަ އަހަރު އޮކްޓޫބަރު 20 ގައި ދައުލަތުން ރިޓަޔާކުރެއްވިއިރު ޚާލިދު ހުންނެވީ ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑިމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލްކަމުގެ މަގާމުގައެވެ.

ޚާލިދުގެ ޚިދުމަތް ފެށުނު ދުވަސްވަރަކީ މާލެ އަތޮޅުގެ ރަށު ކޯޓުތަކުގައި މުވައްޒަފުން ނެތް ދުވަސްވަރެއްކަމަށްވުމުން ޝަރީއަތުގެ މަޖިލީހުގެ ބަޔާންތަކާއި ޝަރީއަތް ނިންމުމުގެ އިތުރުން އިދާރީ ހުރިހާ ކަމެއް ވެސް ބަލަހައްޓަވަމުން ގެންދިޔައީ ޚާލިދެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްލަ 138 ބޭފުޅަކަށް ރައީސް ވަނީ ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފައެވެ.

https://sun.mv/194780

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ އިތުރުން، ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް މި ޝަރަފު ނޭރުވޭ ބޭފުޅުންނަށް މި ޝަރަފް އެރުވުމަށް ރައީސް ނިންމަވައި، އެ ބޭފުޅުންގެ ރިކޯޑުތައް، ރައީސް އޮފީހުން ހޯއްދެވުމަށް ފަހު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ ބޭފުޅުންގެ ތެރެއިން އިނާމު ދިނުމުގެ ޝަރުޠު ފުރިހަމަވާ ބޭފުޅުންނަށް ވެސް ޝަރަފުގެ ބެޖާއި އައްޑަނަ އެރުވިއެވެ.

comment ކޮމެންޓް