މާލެއާއި ހުޅުމާލޭގައި ދުއްވާ، ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް)ގެ ބަސްތައް ކުޑަކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ނިންމައިފިއެވެ.
އާރްޓީއެލްގެ ޚިދުމަތަށް މާލެއާއި ހުޅުމާލޭ އެތެރޭގައި ދުއްވާ ބަސްތަކަކީ މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގައި ދުއްވޭ ވަރަށް ވުރެ ބޮޑެތި ބަސްތަކެއް ކަމަށް ބުނެ މީގެ ކުރިން ވެސް އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ބޮޑެތި ބަސްތަކުގެ ސަބަބުން މަގުތަށް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ގޯސްވެފައިވާ ކަމަށެވެ. އަދި، ބަސްތައް ބޮޑުވުމުން މަގުތަކުގެ ޓްރެފިކަށް ވަރަށް ބޮޑަށް ބާރު ބޮޑުވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެތެރޭގައި ދުއްވާ މިނީ ބަސްތައް --- ސަން ފޮޓޯ/ ނާއިލް ހުސައިން
މިނިސްޓްރީން ބުނީ، ބަސްތައް ބޮޑެތިވުމުން ޝެޑިއުލާ އެއްގޮތަށް ދަތުރުކުރަން ވެސް ބައެއް ވަގުތުތަކުގައި ދަތިވާ ކަމަށެވެ.
އެހެންވެ، ބަހުގެ ޚިދުމަތް ހޯދާ މީހުންގެ އަދަދު ދަށްވާ ކަމަށާއި މި މައްސަލައަށް ހައްލު ހޯދަން ބަސްތަކުގެ ސައިޒް ކުޑަކޮށް، ދަތުރުތައް އިތުރުކޮށް، ގިނަ ދަތުރު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެކަމަކު، އެ ކަން ކުރާނެ ވަކި ތާރީޚެއް މިނިސްޓްރީން ކަނޑައަޅައިފައެއް ނުވެއެވެ.
އާރްޓީއެލް ތާރަފްކޮށް މާލެ ސަރަހައްދުގައި ބަސް ދަތުރުތަކުގެ ޚިދުމަތް ފަށާފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުންނެވެ.