ގައުމަށް ފައިދާއެއް ވާން ބޭނުންނަމަ ހަމައެކަނި ފޮތުން ކިޔަވައިގެން ނުވާނެ، ހުނަރު ދަސްކޮށްދޭންޖެހޭ: ސިޔާމް

ދ. އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ތައުލީމު ހާސިލްކޮށްގެން ނިކުންނަ ދިވެހި ދަރިވަރުންގެ ފަރާތުން ގައުމުގެ އިގްތިޞާދަށް ލާބަކުރުވަން ބޭނުންނަމަ އެ ކުދިންނަށް ހަމައެކަނި ފޮތުން ކިޔަވައިދީގެން ފުއްދައިލެވެން ނެތްކަމަށް ދ.މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ދ. އަތޮޅު މަދަރުސާ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ވަޒީފާގެ މާހައުލާއި، އިގްތިޞާދީ އުފެއްދުންތެރިކަމާއި ތައުލީމަށް އަލިއަޅުއްވައިލައްވައި، ސިޔާމް ވިދާޅުވީ ދަރިވަރުންނަށް އެ ކުދިންގެ ޅަ އުމުރުން ފެށިގެން ހުނަރު ދަސްކޮށްދޭން ޖެހޭކަމަށެވެ.

އަދި ދަރިވަރުންނަށް ހުނަރުތައް ދަސްކޮށްދެވޭނީ މައިންބަފައިންނާއި ޓީޗަރުން ބަދަލުތަކަށް ހޭލުންތެރިވެގެން ކަމަށް ވެސް ވިދާޅުވިއެވެ.

ދ. އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް -- ސަން ފޮޓޯ/ މޫސާ ނަދީމް

"އެ މީހާގެ ހަޔާތް އުފާވެރި މަންޒިލެއްގެ މައްޗަށް ދާން ބޭނުންވާނެ. އެ ކަން ކުރަން އަޅުގަނޑުމެން ޖެހޭނީ ހުނަރުވެރި ބަޔަކަށް އަޅުގަނޑުމެން ވާން. އެ ކަން ކުރެވޭނީ މައިންބަފައިން ވެސް ޓީޗަރުން ވެސް ހޭލުންތެރިވެގެން،" ސިޔާމް ވިދާޅުވިއެވެ.

އެތައް ބިލިއަން ރުފިޔާއެއް ތައުލީމަށް ހޭދަކުރާއިރު ވެސް އުފެއްދުންތެރިކަން އިތުރުނުވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު އެ މަނިކުފާނު ވަނީ ފާއިތުވި 15 ވަރަކަށް އަހަރު ތެރޭ ރާއްޖޭގައި ޒުވާން ބޮޑެތި ވިޔަފާރިވެރިން ނުއުފެދެނީ ކީއްވެތޯ ސިޔާމް ސުވާލު އުފައްދަވައިފައެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުނުވަނީ ކީއްވެގެންތޯ ވެސް ސުވާލު އުފެއްދެވިއެވެ.

"އެހެންވީމާ އެބަޖެހޭ ތިމާމެން ކިޔަވާ އެއްޗެއް. އޭގެ ބޭނުން ހިފަން. ވަޒީފާއެއް ދީފިއްޔާ އޭގެ އަޚްލާގު ހުންނަންޖެހޭނެ،" މިއަދު ވަޒީފާގެ ބާޒާރަށް ނިކުންނަ ޒުވާނުންގެ ކިބައިގައި އެ އަޚްލާގު ނެތްކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވިއެވެ.

ދ. އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ޓީޗަރަކަށް އިނާމު ހަވާލުކުރައްވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނުގެ ކުންފުނިތަކުގައި އެކި ގައުމުތަކަށް ނިސްބަތްވާ 10،000 އެއްހައި މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް އޭގެ ތެރެއިން ވެސް އެންމެ ފާހަގަވާ ކަމަކީ އެ އެންމެންގެ ތެރެއިން ވެސް ދިވެހި މުވައްޒަފުންގެ ހުނަރުވެރިކަމާއި ވިސްނުމުގެ މޮޅުކަން ކަމަށް ސިޔާމް ވިދާޅުވިއެވެ. ސަބަބަކީ ދިވެހީންނަށް ހުރި ވަސީލަތްތައް ފުރިހަމަވުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތަށް ލޯބިކުރާ، ހުނަރުވެރި ދަރިންތަކެއް ބިނާކުރުމަށް ޓަކައި، މައިންބަފައިން ދަރީންދެކެ ކިތަންމެ ލޯބިވީ ކަމުގައިވީ ނަމަވެސް ކުޑައިރުއްސުރެ މަސައްކަތް ކުރުވައި ދަސްކޮށްދޭން ސިޔާމް އިލްތިމާސްކުރެއްވިއެވެ.

އެއާއެކު އެ މަނިކުފާނުވަނީ މީދޫ ސްކޫލުން ތައުލީމް އުނގެނިގެން ނިކުންނަ ދަރިވަރުންނަކީ ފުރިހަމަ އަޚްލާގެއްގެ ވެރި ބަޔަކަށް ވުމަށް ނަސޭހަތްތެރިވެލައްވައިފައެވެ.

ސިޔާމް ވަނީ ހުރިހާ އެންމެންނަކީ ވެސް މައިންބަފައިންނަށް އަޅައިލާ، ހެޔޮބަސް އަހައި ގަބޫލުކުރާ ބަޔަކަށް ވުމަށް އެދިވަޑައިގެންފައެވެ. އަދި މުދައްރިސުންނަށް އިހްތިރާމްކުރުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

"ހަމައެކަނި ކިޔެވުމަކީ ތައުލީމްގެ 50 ޕަސެންޓު. އަނެއް 50 ޕަސެންޓު އެކުލެވިގެންވަނީ މީހާގެ އަޚްލާގުގެ މައްޗަށް. މީހާގެ ދުރޫސުލް އަޚްލާގުގެ މައްޗަށް،" ސިޔާމް ވިދާޅުވިއެވެ.

މީދޫގެ މަދަރުސީ ތާރީޚަށް އަލިއަޅުއްވައިލައްވައި ސިޔާމް ވިދާޅުވީ އެ ރަށުގައި ތައުލީމީ ނިޒާމު ތަރައްގީކުރުމަށް ޓަކައި ރަށުގެ ވެރިން މަސައްކަތްކުރައްވައިފައިވަނީ ވަރަށް ބުރަކޮށް ކަމަށެވެ. އަދި އެ ކަމުން އަންގައިދެނީ މީދޫއަކީ ތައުލީމަށް ލޯބިކުރާ ބަޔަކު އުޅޭ ރަށެއްކަން ކަމަށް ފާހަަގަކުރެއްވިއެވެ.

comment ކޮމެންޓް