ޝާހިދުގެ ފިލްމު 'ދޭވާ' އަންނަ އަހަރަށް ފަސްކޮށްފި

ޝާހިދު ކަޕޫރު ފިލްމު "ދޭވާ"ގެ ޕޯސްޓަރެއްގައި--ފޮޓޯ/ދަހިންދޫ

މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރާނެ ކަމަށް ކުރިން އިއުލާނުކުރި ޝާހިދު ކަޕޫރުގެ ފިލްމު "ދޭވާ" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ޝާހިދު ކަޕޫރާ އެކު ބަތަލާގެ ރޯލުން ޕޫޖާ ހެގްޅޭ ފެންނަ މި ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފައިވަނީ ފިލްމުގައި ޝާހިދު ކުޅޭ ރޯލް ދައްކުވައިދޭ ޕޯސްޓަރަކާ ވެސް އެކުގައެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14ވަނަ ދުވަހު ރިލީޒްކުރަން ނިންމި މި ފިލްމަކީ ބޮލީވުޑްގެ ބަތަލާ ވިދިޔާ ބާލަންގެ ފިރިމީހާ ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރުގެ ފިލްމެކެވެ. ސިދާތު ރޯއިއާ ޒީ ސްޓޫޑިއޯ ގުޅިގެން އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ ރޯޝަން އެންޑްރޫސްއެވެ.

ޝާހިދު ކަޕޫރު ފިލްމު "ކަބީރު ސިންގް"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ
ޝާހިދުގެ މި ފިލްމު މި އަހަރު ރިލީޒްކުރާނެ ކަމަށް ވަރަށް ގިނަ ބަޔަކު އުއްމީދުކުރިއެވެ. ފިލްމުގެ ޕޯސްޓަރު އާއްމު ކުރަމުން ޝާހިދު ބުނެފައިވަނީ ކުރިއަށް އޮތް އަހަރުގެ ލޯބިވެރިންގެ ދުވަސް ތަންކޮޅެއް އަނިޔާވެރިވާނެ ކަމަށެވެ.

ފިލްމުގައި ޝާހިދު ފެންނާނީ ތަންކޮޅެއް ހައި ޕްރޮފައިލް ކޭސް ތަހުގީގު ކުރާ ފުލުސް އޮފިސަރެއްގެ ރޯލްއިންނެވެ. މި ފިލްމުން ޝާހިދުގެ "ކަބީރު ސިންގް"ގެ ހަނދާންތައް އާވާނެ ކަމަށް ވެސް ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރުންގެ ތެރޭ ހިމެނޭ ޝާހިދު އެންމެ ފަހުން ފެނިފައިވަނީ ބަތަލާ ކްރިތީ ސެނޮންއާ އެކު ކުޅުނު ފިލްމު "ތެރީ ބާތޯމެ އޭސަ އުލްޖާ ޖިޔާ"އިންނެވެ.

comment ކޮމެންޓް