އެއާ އަރޭބިއާއިން މާލެއާއި ޝާރްޖާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

އެއާ އަރޭބިއާގެ މަތިންދާ ބޯޓެއް: އެ އެއާލައިނުން ވަނީ ރާއްޖެއާއި ޝާރްޖާއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމާފައި --- ފޮޓޯ/ ޚަލީޖް ޓައިމްސް

މެދުއިރުމަތީގެ ބަޖެޓު އެއާލައިނެއް ކަމަށްވާ އެއާ އަރޭބިއާއިން އަންނަ އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ޝާރްޖާއިން ދިވެހިރާއްޖެއަށް ކޮންމެ ދުވަހަކު ޑައިރެކްޓް ދަތުރުތައް ބާއްވަން ނިންމައިފިއެވެ.

މެދުއިރުމައްޗާއި އުތުރު އެފްރިކާގެ އެންމެ ފުރަތަމަ އަދި އެންމެ އަގުހެޔޮ އެއާލައިން ކަމަށްވާ އެއާ އަރޭބިއާއިން ވަނީ ޝާރްޖާއިން ދިވެހިރާއްޖެއަށް ޑައިރެކްޓް ދަތުރުތައް ފަށާކަން އިއުލާންކޮށްފައެވެ.

ޝާރްޖާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު މި ދަތުރުތައް ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން ކަމަށާއި މި ދަތުރުތަކުގެ ސަބަބުން ދަތުރުވެރިންނަށް ދެކުނު އޭޝިއާގެ އެންމެ މަޝްހޫރު އެއް މަންޒިލަށް ވެފައިވާ ރާއްޖެއަށް ދަތުރުކުރުމަށް އިތުރަށް ފަސޭހަވެ، އަގުހެޔޮ އޮޕްޝަންތަކެއް ލިބޭނެއެވެ.

އެއާ އަރޭބިއާއިން ވަނީ އޮގަސްޓު 27 އިން ފެށިގެން ދިވެހިރާއްޖެއަށް އަދި ދިވެހިރާއްޖެއިން ކުރާ ދަތުރުތަކުގެ ތާވަލު ވެސް ހާމަކޮށްފައެވެ.

އެއާ އަރަބިޔާގެ މަތިންދާ ބޯޓެއް--- ފޮޓޯ/ ޚަލީޖް ޓައިމްސް

އެއާ އަރޭބިއާގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު ޢާދިލް އަލް ޢަލީ ވިދާޅުވީ, އެއާލައިންގެ ފުޅާވަމުންދާ ވިއުގައަށް ދިވެހިރާއްޖެ އިތުރުކުރެވުނީތީ ވަރަށް އުފާވާ ކަމަށެވެ.

ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަކީ އެއާލައިނުން ކަސްޓަމަރުންނަށް އިތުރު ދަތުރުކުރުމުގެ އޮޕްޝަންތަކެއް ހޯދައިދިނުމަށާއި އެ މީހުން ދުނިޔޭގެ އެންމެ ރީތި ތަންތަނާ ގުޅުވައިދިނުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއާ އަރޭބިއާއިން ދަތުރުކުރަނީ ދުނިޔޭގެ އެންމެ ޒަމާނީ އަދި އެންމެ ގިނައިން ވިއްކޭ ސިންގަލް އެއިލް މަތިންދާބޯޓުތަކުގެ ގޮތުގައި ބެލެވޭ އެއާބަސް އޭ320 އަދި އޭ321 މަތިންދާބޯޓުތަކުންނެވެ.

މި ބޯޓުތަކުގެ ކެބިންތަކުގައި ގޮނޑިތައް ހުންނަ ގޮތުން އިކޮނޮމީ ކްލާހުގެ އެހެން ބޯޓުތަކާ އަޅާބަލާއިރު ވަރަށް ތަނަވަސްކޮށް ދަތުރުކުރެވެއެވެ. މީގެ އިތުރުން، މި ބޯޓުތަކުގައި "ސްކައިޓައިމް"ގެ ނަމުގައި ހިލޭ ސްޓްރީމިން ޚިދުމަތެއް ލިބެއެވެ. މި ޚިދުމަތުން ފަސިންޖަރުންނަށް އެ މީހުންގެ ޑިވައިސްތަކުން މުނިފޫހިފިލުވުމުގެ ވަސީލަތްތައް ސްޓްރީމްކުރެވެއެވެ.

ކަސްޓަމަރުންނަށް މިހާރު ޝާރްޖާއިން ދިވެހިރާއްޖެއަށް ސީދާ ދަތުރުކުރާ ފްލައިޓްތަކުން ޓިކެޓް ގަނެވޭނެއެވެ. އެއާ އަރޭބިއާގެ ވެބްސައިޓު މެދުވެރިކޮށް ނުވަތަ ކޯލް ސެންޓަރަށް ގުޅައިގެން ނުވަތަ ޓްރެވަލް އޭޖެންސީތައް މެދުވެރިކޮށް މިހާރު ޓިކެޓް ނެގޭނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް