ރާއްޖޭގައި މީގެ ކުރިން ނުބާނާވަރުގެ ބޮޑު ކަންނެއްޔެއް ބާނައިފި

ރާއްޖެއިން ބޭނި ބޮޑު ކަންނެލީގައި 231 ކިލޯ ހުރޭ-- ފޮޓޯ: ޓުވިޓާ

ރާއްޖޭގައި މީގެ ކުރިން ނުބާނާވަރުގެ ބޮޑު ކަންނެއްޔެއް ބާނައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުުރުވަމުން ދާ ވީޑިއޯއަކުން، އެ ބޮޑު ކަންނެލި މަސް ބޭނުމަށް ފަހު ބޯޓަށް އަރުވާތަން ފެނެއެވެ. އެ ވީޑިއޯ އާންމު ކުރި ފަރާތުން ބުނީ އެ ބޮޑު ކަންނެލީގައި 231 ކިލޯ ހުރި ކަމަށެވެ.

މީގެ ކުރިން ދުނިޔޭގެ އެކި ހިސާބުތަކުން ވަނީ ވަރަށް ބޮޑެތި ކަންނެލި ބާނާފައެވެ. އެގޮތުން މިހާތަނަށް އެންމެ ބޮޑު ކަންނެއްޔެއްގެ ގޮތުގައި ބާނައިފައިވަނީ 202 ކިލޯގެ ކަންނެއްޔެކެވެ.

އެ މަސް ބާނައިފައިވަނީ އެމެރިކާގެ ސެން ޑިއާގޯއަށް ނިސްބަތްވާ ޖޯން ޕެޓްރިއުސްކޫ ކިޔާ މީހެކެވެ.

އެހެންކަމުން ރާއްޖޭގައި ބޭނި މަހަކީ ފަހަރެއްގައި ދުނިޔޭގައި މިހާތަނަށް ބޭނީ އެންމެ ބޮޑު ކަންނެލި މަސް ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ރާއްޖެއިން ބޭރަށް މަސް ބޭރުކުރާ "އޯޝަން ހަންޓާ" ކިޔާ ބޯޓުން ބުނީ އެ މަހުގެ ކޮލިޓީވެސް އެހާމެ ރަނގަޅު ކަމަށެވެ. އެ މަސް މިހާރުވަނީ ޖަޕާނަށް އެކްސްޕޯޓު ކޮށްފައެވެ.

ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި ކުރެވޭ ކަޅުބިލަމަހުގެ މަސްވެރިކަމުގައި އެވްރެޖްކޮށް 22 އިންސައްތަ ޙިއްޞާކުރާ ޤައުމެކެވެ. ނަމަވެސް، އިންޑިއާ ކަނޑުގައި ބާނާފައިވާ ކަންނެލީގެ ތެރެއިން ދިވެހިރާއްޖެ ޙިއްޞާކުރާ މިންވަރަކީ އެވްރެޖްކޮށް 5 އިންސައްތައެވެ.

comment ކޮމެންޓް