ޔާމީންގެ މަރުގެ މައްސަލައިގެ އިސްތިއުނާފު ދެ އަހަރު ފަހުން ފަށައިފި

ޔާމިން ރަޝީދު: ދެ އަހަރަށް ފަހު އިސްތިއުނާފް ޝަރީއަތް ހައިކޯޓުގައި ވަނީ މިއަދު ފަށާފައި --

ބްލޮގަރު ޔާމީން ރަޝީދު މަރާލި ކަމުގެ ކުށް ސާބިތުވި ދެ މީހުންނާއި، ކުށް ސާބިތުނުވެ، ސަލާމަތްވީ ދެ މީހުންގެ މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ހައިކޯޓުގައި މިއަދު ފަށައިފިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ބޭއްވީ މައްސަލަ އިސްތިއުނާފްކުރިތާ ދެ އަހަރު ފަހުންނެވެ.

ޔާމީން ރަޝީދު މަރާލާފައިވަނީ އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. މި މައްސަލައިގައި ކުށް ސާބިތުވީ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މައްސަލައިގައި އެ ދެ މީހުން އުމުރަށް ޖަލަށް ލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

އެ މައްސަލައިގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހަތަރު މީހުންނަކީ ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާންއާއި، މ. ކުދެހިގެ، ހަސަން ޝިފާޒުއާއި، މ. ތާއިފް، އިސްމާއީލް ރަޝީދު އަދި، ކޮޅުފުށި، އީސްޓް، ހުސައިން ޒިޔާދެވެ.

އޭގެ ތެރެއިން ދިފްރާނާއި އިސްމާއީލް ރަޝީދުގެ މައްޗަށް ދައުވާ ސާބިތުނުވި މައްސަލަ, ޕީޖީ އޮފީހުން އޮތީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މިއަދު ހައިކޯޓުގައި ފެށި އިސްނިއުނާފު ޝަރީއަތް -- ހައިކޯޓު

މި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް މިއަދު ފެށީ އިސްތިއުނާފު ކޮށްފައިވާ ދެ މައްސަލަ އެއްކޮށެވެ. އެ ގޮތުން ފުރަތަމަ ކުރިޔަށް ގެންގޮސްފައިވަނީ ހައިޝަމާއި ޒިހާންގެ މައްޗަށް ކުރި ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް އެ މީހުންގެ ފަރާތުން ހުށަހެޅި މައްސަލައެވެ.

މި މައްސަލައިގައި ހައިޝަމާއި ޒިހާންގެ ވަކީލު ފާހަގަކުރީ ހެކިބަސްދިން ބައެއް ސިއްރު ހެކިވެރިންގެ ހެކިބަސް އަނބުރާ ގެންދިއުމަށް އެދިފައިވަނިކޮށް އެ ކަމަށް ރިއާޔަތްނުކޮށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެ ގޮތުން ފުށުއެރުންތަކެއް ހުރި ހެކިބަހަކުން ގަސްތު މަރެއް ސާބިތު ނުކުރެވޭނެކަން އިސްލާމީ ޝަރީއަތުގައި ވެސް އޮންނަކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

އަދި ވީޑިއޯއިން ފެނުނު މީހާއާއި ޒިހާނުގެ ހަށިގަނޑުގެ ސިފަތަކާ ދިމާވާ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް، އަދި ވަކި އަދަދަކަށް ސިފަތަކެއް ދިމާވުމަކީ ކަމެއް ސާބިތުވާނެ ކަމެއް ނޫން ކަމަށް ވަކީލުން ބުނެފައިވެއެވެ. އަދި ޔާމީން ދިރިއުޅޭ ގޭގެ ސިޑިގޮޅީގައި ހުރި ކެމެރާއަކުން ނެގި ފިންގަޕްރިންޓް ހައިޝަމްގެ ފިންގަޕްރިންޓާ ދިމާވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެއީ އުފައްދާފައިވާ ހެކިތަކެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވަކީލުން ވަނީ ބުނެފައެވެ. އެ ދެ މީހުންގެ ފަރާތުން އެދިފައިވަނީ ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ ބަލައިދިނުމުގެ އަމުރަކަށެވެ.

މި މައްސަލައިގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން މިއަދު އިޢުލާން ކުރެއްވިއެވެ.

ޔާމީން މަރާލާފައިވަނީ ހަށިގަނޑުގެ 30 ތަނަކަށް ހަމަލާދީގެންނެވެ.

މިކަމާ ގުޅޭ ދެ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފުކޮށް ޝަރީއަތް ފެށިއިރު، މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޙަސަން ޝަފީއުއާއި، ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު އަބްދުލް މާނިއު ޙުސައިނެވެ.

comment ކޮމެންޓް