ކުޅިވަރުގެ ދާއިރާއިން ކޮރަޕްޝަން މަދުކުރުމަށް ކެމްޕެއިނެއް

ކުޅިވަރުގައި ނަޒާހާތްތެރިކަން އިތުރުކުރުމަށް ކެމްޕެއިންއެއް އިފްތިތާޙުކޮށްފި-- ފޮޓޯ/ އޭސީސީ

ކުޅިވަރުގެ ދާއިރާއިން ކޮރަޕްޝަން މަދުކޮށް، ނަޒާހަތްތެރިކަން ކުރިއެރުވުމަށް "ޕަޗަސް"ގެ ނަމުގައި ކެމްޕެއިނެއް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އިފްތިތާހުކޮށްފިއެވެ.

މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަނު ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ މި ކެމްޕެއިން ކުރިއަށް ގެންދާނީ އެ ކޮމިޝަނާއި، ކުޅިވަރާބެހޭ ވުޒާރާ ގުޅިގެން ކަމަށެވެ. މި ކެމްޕެއިންގެ މަގުސަދަކީ ކުޅިވަރުގެ ދާއިރާ ކޮރަޕްޝަނުން ސަލާމަތްކުރުމާއ،ި ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމެވެ.

މި ކެމްޕޭނުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި:

  • ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހިންގާ ކޮރަޕްޝަނާއި، އިދާރީ ހިންގުމުގައި ހުރި ކޮރަޕްޝަންގެ ހިރާސްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް އޭސީސީން ކުރަން ފަށާފައިވާ ދިރާސާ (ކުޅި ފަސް) ކުރިއަށް ގެންދިއުން
  • ކޮމިޝަނުން ތައްޔާރުކޮށްފައިވާ ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމެންޓް (ހިންމި)، އިދާރާތަކާއި، ކުޅިވަރު ޖަމިއްޔާތަކުގައި ކުރިއަށްގެންގޮސް، ކޮރަޕްޝަންގެ ހިރާސްއޮތް މިންވަރު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވުން
  • "ކުޅިފަސް" ދިރާސާ އާއި "ހިންމި" ރިސްކް އެސެސްމަންޓުން ފާހަގަވާ ކޮރަޕްޝަންގެ ހިރާސްތައް ކުޑަކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކަށައަޅާ ތަންފީޒުކުރުމަށް އެހީތެރިވުން
  • ކޮރަޕްޝަނުގެ ސަބަބުން ލިބޭ ގެއްލުންތަކާއި، ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މައްޗަށް ކުޅިވަރާ ގުޅޭ އިދާރާތަކުގެ މުވައްޒަފުންނާއ،ި މެންބަރުންނާއ،ި އާންމުން ހޭލުންތެރިކުރުން

މި ކެމްޕޭނު އިފްތިތާޙްކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރުގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލާއި، މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

comment ކޮމެންޓް