އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިނުލައްވަން ނިންމަވައި، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ހޮވުމަށް ނައިބު ރައީސް ކަމަލާ ހެރިސްއަށް ތާއިދުކުރައްވައިފިއެވެ.
ބައިޑެން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ގައުމަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ރޭހުން ވަކިވެވަޑައިގަތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ, އިންތިޚާބުގައި ވާދަނުކުރައްވާނެކަން އިއުލާންކުރައްވައިފައެވެ.
އެއަށްފަހު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނަށް ޚާއްސަކޮށް އިތުރު ޕޯސްޓެއް ކުރައްވައި، 81 އަހަރުގެ ބައިޑެން ވިދާޅުވީ 2020 ވަނަ އަހަރު ޕާޓީގެ ކެންޑިޑެސީ ލިބުމުން އެންމެ ފުރަތަމަ ނިންމެވީ ނައިބު ރައީސްގެ މަގާމަށް ހެރިސް ގެންނަވަން ކަމަށެވެ.
އެއީ އެންމެ ފުރިހަމަ ނިންމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ ބައިޑެން ވަނީ، ޑިމޮކްރެޓިކް ޕާޓީގެ މިއަހަރުގެ ރިޔާސީ ކެންޑިޑޭޓަކަށް ހެރިސްއަށް ތާއިދުކުރައްވާކަން އިއުލާން ކުރައްވައިފައެވެ.
ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް އަންނަ މަހު 19ގައި އެ ޕާޓީގެ ނެޝަނަލް ކޮންވެންޝަން ބާއްވާނެއެވެ. އެ ކޮންވެންޝަންގައި 4،000 ޕާޓީ އޮފިޝަލުންނާއި އެކްޓިވިސްޓުން (ޑެލިގޭޓުން) އެއްވެ، ރިޔާސީ ކެންޑިޑޭޓް ހޮވަން ވޯޓު ދޭނެއެވެ.
މިހާތަނަށް އޭގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ޑެލިގޭޓުން ވެސް ތާއިދު ކުރަން ނިންމައިފައި އޮތީ ބައިޑެންއަށެވެ. އެހެންވެ، އެ ޑެލިގޭޓުން ދެން ހޮވާނީ ބައިޑެން ތާއިދު ކުރައްވާ ކެންޑިޑޭޓުން ކަމަށް ބެލެވެއެވެ.
ހެރިސްއަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސެވެ. އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި ނަމަ އެކަމަނާ ވާނީ ގައުމުގެ ފުރަތަމަ އަންހެން ރައީސަށެވެ.
ބައިޑެން ރިޔާސީ ރޭހުން ވަކިވެވަޑައިގަތީ، އަންނަ ނޮވެމްބަރު މަހުގެ ފަހެއްގައި އޮންނަ ރިޔާސީ އިންތިޚާބު ގާތްވާއިރު ޑިމޮކްރެޓިކް ޕާޓީއަށް އޮތް ތާއިދު ދަށްވަމުން އަންނަ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދެއްކި ފަހުންނެވެ.
އޭގެ މައިގަނޑު ސަބަބަކަށް ވެފައިވަނީ، ބައިޑެންގެ އުމުރުގެ ގޮތުން ރިޔާސީ ޒިންމާތައް އަދާކުރެއްވޭ ވަރަށް ދުޅަހެޔޮ ކަމާމެދު ސުވާލު އުފެދުމުންނެވެ. އެގޮތުން ބައިޑެންގެ ތަގުރީރުތަކުގައި ކުށް ޖެހޭ މިންވަރު އިތުރުވުމުންނާއި، އެކި ފަހަރު މަތިން ވެއްޓިވަޑައިގަންނަވާތީ ޕާޓީގެ މެންބަރުން ހިމެނޭ ގޮތަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ އިތުރުން، މިދިޔަ މަހު އޮތް ރިޔާސީ ބަހުސަށް ފަހު ޑިމޮކްރެޓިކް ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ ބައިޑެން ރޭހުން ވަކިވެވަޑައިގަންނަވަން އެދިފައި ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ބަރަކް އޮބާމާއާއި ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ކުރީގެ ރައީސް ނޭންސީ ޕެލޯސީ ހިމެނިވަޑައިގަންނަވާ ކަމަށް އެ ނޫސްތަކުގައިވެއެވެ.