ރައީސް ހުށަހެޅުއްވީ ކައުންސިލަރުންގެ އަދަދު މަދުކުރަން ގެންނަން ފެނިވަޑައިގަންނަވާ ބަދަލުތައް

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިރޭ އިންތިޒާމުކުރި ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ރައީސް އޮފީސް

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލުތަކަށް އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު ވަކި ހަމައެއްގައި ހިފަހައްޓަން ސަރުކާރުން ގެންނަން ވިސްނަމުން އަންނަ ބަދަލުތަކުގެ ތެރެއިން، އެ ކަން ކުރަން ފެނިވަޑައިގަންނަވާ ގޮތް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެދެއްވައިފިއެވެ.

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިރޭ އިންތިޒާމުކުރި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމު މިހާރު ބައްޓަންވެފައި އޮތީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫންކަމަށެވެ. އެގޮތުން ކައުންސިލްތައް އިންތިޚާބުކުރެވި އެކުލަވައިލެވޭ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސް މިރޭ ވެސް ވަނީ ތަކުރާރުކުރައްވައިފައެވެ.

އެ ބަދަލުތަކަކީ ދެން އެންމެ އަވަހަށް އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަންވާއިރަށް ގެންނާނެ ބަދަލުތަކެއް ކަަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ކައުންސިލުތަކުގެ ސައިޒު، އަދަދު ކަނޑައެޅުމާއި މި ކަހަލަ ކަންތައްތައް މި ދެންނެވި ގޮތުން ސްޓްރީމްލައިން ކުރެވުނީމާ ރައްޔިތުންނަށް އެންމެ އިފެކްޓިވް ގޮތުން އެންމެ އެފިޝެންޓުކޮށް ޚިދުމަތް ދިނުމުގައި އަޅުގަނޑުމެންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދެވޭނީ،" ރައީސް ވިދާޅުވިއެވެ.

https://sun.mv/194049

މީގެ ކުރިން ވެސް އެ މަނިކުފާނު މި ވާހަކަފުޅުތައް ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައި ހިއްސާކުރެއްވިއެވެ. ނަމަވެސް އެ ކަމުގެ ތަފްސީލް ނުދެއްވައެވެ.

ނަމަވެސް މިރޭ އެ މަނިކުފާނު ވަނީ އެ ކަން ކުރަން ސަރުކާރުން ގަސްދުކުރައްވާ ގޮތް ހިއްސާކުރައްވައިފައެވެ. އެގޮތުން:

  • 3،000 މީހުންނަށްވުރެ ގިނަ ނޫންނަމަ ތިން ކައުންސިލަރުން އިންތިޚާބުކުރުން. އެއީ ކައުންސިލު ރައީސްގެ އިތުރުން ދެ ބޭފުޅުން. އެކަކު އިންތިޚާބުކުރާނީ އަންހެނުންގެ ފަރާތުން. އަނެއް ކައުންސިލަރު އިންތިޚާބުކުރާނީ ޒުވާނުންގެ ފަރާތުން. ރައީސްގެ އިތުރުން އެ ދެ މެމްބަރުންގެ ތެރެއިން ނައިބު ރައީސް ހޮވުން
  • 3،000 އާއި 10،000އާ ދެމެދުގެ އާބާދީއަކަށް ފަސް ކައުންސިލަރުން އިންތިޚާބުކުރުން
  • ބާކީވާ ފައިސާ ކައުންސިލުގެ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ރަނގަޅުކުރުމަށް ބޭނުންކުރުން

އެ މަނިކުފާނު ވިދާޅުވީ އެ ކަންކަމާމެދު ފަންނީ ދިރާސާތައް މިހާރު ވެސް ކުރެވެމުން އަންނަކަމަށެވެ. އަދި މި ކަންކަން ނިންމާނީ އެ ދިރާސާތަކުގެ ނަތީޖާއަށްފަހު ކަމަށް ވިދާޅުވިއެވެ.

"އަދަދަކުން ވާކަމެއް ނޫން މިއީކީ. ޚިދުމަތް ދެވޭ ގޮތް ފުރިހަމަކުރަން މި ޖެހެނީ، ޚިދުމަތް ދިނުމުގައި އިޚްލާސްތެރިވާން މި ޖެހެނީ. ޚިދުމަތް ދިނުމުގައި ތެދުވެރިވާން މި ޖެހެނީ. ހީވާގި ވާން މި ޖެހެނީ. އެ ކަން ކުރާކަށް ބައިބީކުރާކަށް ނުޖެހޭ،"

ރައީސް ވިދާޅުވީ ކައުންސިލުތައް ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. ސަބަބަކީ އެއީ ރައްޔިތުން އިންތިޚާބު ކުރާ ބަޔަކަށް ވުމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެ ތަންތަނަށް ބާރުވެރިކަން ލިބެންޖެހޭތީކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު މާލީ ގޮތުން ކައުންސިލުތައް ބާރުވެރިކުރުމަށް ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީގެ ބައެއް ކައުންސިލަށް ލިބޭ ގޮތަށް ގާނޫނަށް ވަރަށް އަވަހަށް އިސްލާހު ގެންނާނެކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް