ދުނިޔެއަށް ދިމާވި އައިޓީ މައްސަލަ: ދިވެހި އެއާޕޯޓަށް ވެސް ދަތިތަކެއް

ވީއައިއޭ: ދުނިޔެއަށް ދިމާވި އައިޓީ މައްސަލައާ ހެދި ވީއައިއޭގެ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފައި -- ސަން ފޮޓޯ

މުޅި ދުނިޔެއަށް ވެސް މި ވަގުތު ދިމާވެގެން އުޅޭ އައިޓީ މައްސަލައިގެ ސަބަބުން ދިވެހިރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ޚިދުމަތްތައް ވެސް ލަސްވެދާނެ ކަމަށް އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ބުނެފިއެވެ.

އައިޓީ ސިސްޓަމްތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޭންކްތަކާއި އެއާލައިންތައް އަދި އާންމު ޚިދުމަތްދޭ ގިނަ ތަންތަން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އެމްއޭސީއެލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މުޅި ދުނިޔޭގެ ވެސް އެއާލައިން އައިޓީ ސިސްޓަމަށް ބުރޫއަރާފައިވާ ކަމަށެވެ. އެ ކަމުގެ ސަބަބުން ދަތުރުކުރާ ފަރާތްތަކުން ޗެކިން ވުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މައްސަލައިގެ ސަބަބުން ދިމާވެދާނެ ދައްޗަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.

އޮސްޓްރޭލިއާ، ސިންގަޕޫރު، އެމެރިކާ، އިންޑިއާ، ސްޕެއިން އަދި އެހެން ބައެއް ގައުމުތަކުގެ ވެސް އެއާލައިންތަކާއި ބޭންކްތައް ފަދަ ބޮޑެތި ކުންފުނިތަކަށް ވަނީ މިކަމުގެ ސަބަބުން ބޮޑެތި މައްސަލަތަކާ ކުރިމަތިވެފައެވެ.

ބީބީސީގައި ރިޕޯޓުކޮށްފައިވާގޮތުން އައިޓީ ސިސްޓަމްތަކަށް މައްސަލަ ދިމާވި ސަބަބު މިހާތަނަށް ސާފުނުވި ނަމަވެސް، މިއީ މައިކްރޯސޮފްޓް ވިންޑޯސްއާ ގުޅިފައިވާ މައްސަލައެއްކަން ވަނީ ދެނެގަނެވިފައެވެ.

މައިކްރޯސޮފްޓްގެ ތަރުޖަމާނާ ހަވާލާދީ ބީބީސީގައި ވާގޮތުން، ބައެއް ޚިދުމަތްތައް މިހާރު ވަނީ ދޭން ފެށިފައެވެ.

މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގައުމަކީ އޮސްޓްރޭލިއާއެވެ. އެ ގައުމުގެ އެއާޕޯޓު ހުއްޓުމަކަށް އައިސްފައިވާއިރު، ބޭންކްތައް ހުއްޓި ވިޔަފާރިތަކަށް ވެސް އަސަރުކުރާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި ޚިދުމަތް ނުލިބި ލަސްވެ، ކިޔޫތައް ވެސް ދިގުވެ، ތޮއްޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ދުނިޔޭގެ ބޮޑެތި އެއާޕޯޓުތައްކަމަށްވާ، ހޮންގްކޮންގް އެއާޕޯޓާއި ލޮސްއެންޖެލަސް އެއާޕޯޓުގެ އިތުރުން ގިނަ އެއާޕޯޓުތަކެއް ވެސް މި ވަގުތު ވަނީ މިކަމުގެ ސަބަބުން ހުއްޓިފައެވެ.

comment ކޮމެންޓް