ވާދޫގެ ވިދާ ގޮނޑުދޮށް ފެންނަ އަސުސްގެ ލެޕްޓޮޕް ދައްކާލައިފި

ޑެސްކްޓޮޕާއި ލެޕްޓޮޕް އުފެއްދުމުގައި މަޝްހޫރު ކުންފުނި އަސުސްއިން ދުނިޔޭގެ ގުދުރަތީ މަންޒަރުތަކަށް އަމާޒުކޮށްގެން އެންމެ ފަހުގެ ލެޕްޓޮޕް ސީރީޒް ތަޢާރަފްކޮށްފިއެވެ.

އޭގެ ތެރެއިން އެއް ޑިޒައިނަކީ ދިވެހިރާއްޖޭގެ ރ. ވާދޫގެ ވިދާ ގޮނޑުދޮށާއި، މޫދުން އިންސްޕެއާ ވެގެން ހަދާފައިވާ "ލުމިނަސް ބްލޫ" އުފެއްދުމެވެ.

މި ލެޕްޓޮޕް ސީރީޒް ތަޢާރަފްކޮށްފައިވަނީ މިލާނުގައި ބޭއްވި "ޑިޒައިން ޔޫ ކޭން ފީލް" މައުރަޒުގައެވެ. މި ޚާއްޞަ ސީރީޒްގައި ދުނިޔޭގެ ގުދުރަތީ މަންޒަރުތަކުން އިންސްޕެއާ ވެގެން ޑިޒައިންކޮށްފައިވާ ހަތަރު ވައްތަރެއްގެ ލެޕްޓޮޕް ހިމެނެއެވެ.

ވާދޫގެ ބަޔޮލުމިނަސެންޓް ނުވަތަ ދިރޭ އައްޔަށް ނިސްބަތްކޮށް ހަދާފައިވާ "ލުމިނަސް ބްލޫ" ލެޕްޓޮޕްގެ ފިނިޝިން ވަނީ ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮކްސިޑޭޝަން މެދުވެރިކޮށް އުފައްދާފައެވެ. މި ޓެކްނޮލޮޖީ ބޭނުންކޮށްގެން، ރޭގަނޑު ވާދޫގެ ގޮނޑުދޮށުން ފެންނަ ރެދަނުން ދިއްލޭ އަލި ފަދަ މަޑުމަޑުން ވިދާ ލުމިނަސެންޓް ރީތިކަން ލެޕްޓޮޕްގެ ބޮޑީގައި ދައްކުވައިދެއެވެ.

އަސުސްއިން ބުނާ ގޮތުގައި މި ސީރީޒްގެ ހުރިހާ ލެޕްޓޮޕަކީވެސް ގުދުރަތުގެ ރީތިކަމާއި ފުރިހަމަކަން ދައްކުވައިދޭ ވާހަކައެކެވެ. މި ސީރީޒް އުފެއްދުމުގައި ބޭނުންކޮށްފައިވަނީ އެލުމިނިއަމްގެ ވަރުގަދަކަމާއި ސެރަމިކްގެ ދެމިހުންނަ ގާބިލުކަން އެއްކޮށްލައިގެން އުފައްދާފައިވާ އަސުސް ސެރަލުމިނިއަމް ޓެކްނޮލޮޖީއެވެ.

ލެޕްޓޮޕްތަކާއެކު އަންނަ ސްލީވް ބޭގް އުފައްދާފައިވަނީ ކްވަޑްރަޓް ފެޓް ފެބްރިކް, ޓެކްސްޓައިލް ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ.

ދިވެހިރާއްޖޭގެ ވާދޫއަކީ ދުނިޔޭގައި ރެދަން ނުވަތަ ބަޔޮލުމިނަސެންސް އެންމެ ރީތިކޮށް ފެންނަ ތަންތަނުގެ ތެރެއިން އެއްތަނެވެ. ރޭގަނޑުގެ ވަގުތުތަކުގައި ވާދޫގެ ގޮނޑުދޮށުގައި ފެންނަ ނޫކުލައިގެ ވިދާ އަލި، ފަތުރުވެރިންގެ މެދުގައި "ސީ އޮފް ސްޓާސް" ގެ ނަމުންވެސް މަޝްހޫރުވެފައިވެއެވެ.

އަސުސްއިން ބުނާގޮތުގައި މި ފެނުމުގެ ރީތިކަން "ލުމިނަސް ބްލޫ" ޒެންބުކް ލެޕްޓޮޕްގައި ހިފެހެއްޓުމަށްޓަކައި، ޚާއްޞަ ޓެކްނިކެއް ބޭނުންކޮށްފައިވެއެވެ. މިއީ ލޭޒާ-އިންޑިއުސްޑް އޮކްސިޑޭޝަން ކިޔާ ޓެކްނިކެކެވެ.

"ޤުދުރަތުގެ ރީތިކަން ޓެކްނޮލޮޖީއާއި އެއްކޮށްލުމަކީ އަސުސްއިން އަބަދުވެސް ކުރަމުން އައިސްފައިވާ ކަމެއް، މި ސީރީޒްގައި އަޅުގަނޑުމެން ބޭނުންވީ ފަންނުވެރިކަން، ޓެކްނޮލޮޖީ އަދި ތިމާވެށި އެއްކޮށްލުމަށް، ވާދޫގެ ރެދަން އަލި އެއީ ޤުދުރަތުގެ ހައިރާންކުރުވަނިވި ހަދިޔާއެއް." އަސުސްގެ ޗީފް ޑިޒައިން އޮފިސަރު ސަމްއުއެލް ޗިން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެ މަންޒަރުގެ ރީތިކަން އިންޖިނިއަރިން އާއި ފަންނުވެރިކަން ބޭނުންކޮށްގެން މި ލެޕްޓޮޕަށް ތަރުޖަމާކުރުމަށް މަސައްކަތްކޮށްފައިވާނެ"

އަސުސްއިން މި ސީރީޒް ޢާއްމުކޮށް ބާޒާރަށް ނެރޭނެ ތާރީޚު ފަހުން އިޢުލާނުކުރާނެ ކަމަށް ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު