ޓްރެފިކް މައްސަލަތައް ހައްލުކޮށް ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު ރައްކާތެރި ތަނަކަށް ހެދުމަށް، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ.
މި ބަދަލުތައް ގެނައުމަށް އެޗްޑީސީއިން ނިންމީ ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި 11 ސަރަހައްދަކަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ.

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފި--- ފޮޓޯ/ އެޗްޑީސީ
އޭގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި ވަށްބުރު ގާއިމްކޮށް އަދި ބައެއް ސަރަހައްދުތަކުގައި ސައިން ބޯޑުތައް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
މަގުތަކަށް ގެންނަންޖެހޭ ހުރިހާ ބަދަލުތަކެއް ގެނެސް، ސައިން ބޯޑުތައް ހަރުކުރުމުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެ ކަމަށާއި އަމާޒަކީ މި އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފި--- ފޮޓޯ/ އެޗްޑީސީ
އެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭގެ މަގުތަކުގައި އާންމުކޮށް އެކްސިޑެންޓުތައް ހިނގަނީ ބާރު ސްޕީޑުގައި ދުއްވާ ސައިކަލާއި ކާރު ޖެހިއެވެ. އެފަދަ ބައެއް ހާދިސާތަކުގައި މީހުން މަރުވެފައި ވެސްވެއެވެ.