ހުޅުމާލޭގައި މާރާމާރީ ހިންގި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ހުޅުމާލޭ އަތިރިމަތީގައި މީހުން: ހުޅުމާލޭގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މި މަހުގެ އަށްވަނަ ދުވަހު މާރާމާރީ ހިންގި ދިވެހި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނީ މިއަދެވެ.

އޭގެ ފަހުން ފުލުހުން ބުނީ، އެ މީހާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގެ މައްސަލަ ފެންމަތިވީ، ގޭންގެއްގެ ފަރާތުން ގަނާގެ ޝިކާރައަކަށްވި ޒުވާނަކު އެ މައްސަލަ ފުލުހަށް ރިޕޯޓުކުރާނެ ކަމަށް ބުނުމުން، އެ ގޭންގުން އޭނާއަށް ހަމަލާ ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރާ ޕޯސްޓަކާ ގުޅިގެންނެވެ.

އެ ޕޯސްޓުގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ލޮލަށާއި ބޮލަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ޒުވާނަކު ފެނެއެވެ.

ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މި މަހުގެ އަށްވަނަ ދުވަހު ސުޕްރިޑެންޓް އޮފް ޕޮލިސް އާރިފް ވިދާޅުވީ، މާލެ ސަރަހައްދުގައި އެކްޓިވް އަށް ގޭންގެއް މިހާރު ވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ގޭންގުތަކުގައި ގިނައީ 12 އަހަރާއި 13 އަހަރުގެ ކުޑަކުދިން ކަމަށެވެ.

ފުލުހުންގެ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރަން މި މަހު ފަށައިފައިވާއިރު، ގޭންގުތަކާ ދެކޮޅަށް ވަކި ޔުނިޓެއް ގާއިމުކުރުން އެ ޕްލޭނުގައި ވަނީ ހިމަނައިފައެވެ.

comment ކޮމެންޓް