ކްލިކް ކޮލެޖުން އެމްކިއުއޭ އެޕްރޫވް ނުކުރާ ކޯހެއް ހިންގި ކަމަށް ބުނާ މައްސަލައެއް

ކްލިކް ކޮލެޖުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އެޕްރޫވް ނުކުރާ އޮންލައިން ކޯހެއް ހިންގި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން އެ ކޮލެޖުގެ ދަރިވަރަކު ބުނީ، ކްލިކް ކޮލެޖުން އެމްކިއުއޭގެ އެޕްރޫވަލް ނުހޯދާ ހިންގަނީ ބެޗެލާ އޮފް ބިޒްނަސް މެނޭޖްމަންޓް ކޯހެއް ކަމަށެވެ. އެގޮތުން، މިއީ އެއްކޮށް އޮންލައިންކޮށް ހިންގާ ކޯހެއް ކަމަށާއި، ނަމަވެސް ކޯހުގެ މެދުތެރެއިން ކޯސް ބްލެންޑެޑް މޯޑަށް ބަދަލުވިކަން އެންގިކަމަށް އޭނާ ބުންޏެވެ.

މި ކޯހުގެ ހަތަރު ބެޗެއް ކިޔަވާކަން ފާހަގަކޮށް އޭނާ ބުނީ، ކޯސް ކުއްލިއަކަށް ބްލެންޑެޑް މޯޑަށް ބަދަލުކުރުމަކީ ކުދިންނަށް ވަރަށް އުނދަގޫ ކަމަކަށް ވިކަމަށެވެ.

"ގިނަ ކުދިންނަކީ ރަށްރަށުން ކޯހުގައި ބައިވެރިވެ އުޅޭ ކުދިން، އެހެންވީމަ ޓެސްޓުތަކަށް މާލެދާން އެ ކުދިންނަށް ވަރަށް އުނދަގޫވޭ،" އޭނާ ބުންޏެވެ.

އެހެންކަމުން ކޯހުގައި ކިޔަވާ ދަރިވަރުން މިކަމާ ގުޅިގެން އެމްކިއުއޭއަށް ޝަކުވާ ހުށަހެޅުމުން މިއީ، އެމްކިއުއޭ އެޕްރޫވް ނުކުރާ ކޯހެއްކަން އެނގުނުކަމަށް އެ ދަރިވަރު ބުންޏެވެ.

އޭނާ ބުނީ، މި ކޯހުގައި ގިނައީ ހިލޭ ޑިގްރީގެ ދަށުން ކިޔަވާ ކުދިން ނަމަވެސް، ބައެއް ކުދިން ކޯހަށް ފައިސާ ވެސް ދައްކާފައި ވާކަމަށެވެ. އަދި މިއީ ބައެއް ކުދިންގެ ފަހު އަހަރުކަން އޭނާ ފާހަގަކުރިއެވެ.

މިކަމާ ގުޅިގެން ކްލިކް ކޮލެޖުން ދަރިވަރުންނަށް ޖަވާބުދާރީވެފައި ނުވާކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ގިނަ ދަރުވަރުން މިހާރު ކޮލެޖު ބަދަލުކުރަން މަަސައްކަތް ކުރާކަމަށް ވެސް އޭނާ ބުންޏެވެ.

"ބައެއް ކުދިން ތިންވަނަ އަހަރުގަ އެބަތިބި މިހާރު ކޯސް ނިމެން ކައިރިވެފަ. އެކަމަކު އެހެން ކޮލެޖުތަކުން ބުނަނީ ކޯސް އަލުން ފަށަންނޭ ޖެހޭނީ މިއީ އެމްކިއުއޭ އެޕްރޫވް ނުކުރާ ކޯހަކަށް ވީމަ،" އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ކްލިކް ކޮލެޖުން އެމްކިއުއޭ އެޕްރޫވް ނުކުރާ ކޯސްތަކެއް ހިންގުމަށްފަހު ދަރިވަރުންނަށް ޖަވާބުދާރީ ނުވުމާއި ދަރިވަރުންގެ ގިނަ އަހަރުތަކެއް ބޭކާރުވުމެވެ.

މިކަމާ ގުޅިގެން އެ ކޮލެޖުގެ ބަހެއް ހޯދަން "ސަން" އިން މަސައްކަތް ކުރި ނަމަވެސް، ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އެމްކިއުއޭގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު މިކަމާ ގުޅިގެން "ސަން"އަށް ވިދާޅުވީ، ކްލިކް ކޮލެޖުން އެމްކިއުއޭ އެޕްރޫވް ނުކުރާ ކޯހެއް ކުރިއަށް ގެންދާކަމުގެ ޝަކުވާތައް ލިބިފައި ވާކަމަށެވެ. އެހެންކަމުން މިހާރު އެކަމާ ގުޅޭ މައުލޫމާތު ސާފުކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ގިނަ ކަންކަން ބަލާފައި ދެއްތޯ އަޅުގަނޑުމެންނަށް ފިޔަވަޅެއް އެޅޭނީ،" އޭނާ ވިދާޅުވިއެވެ.

އެމްކިއުއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ދަރިވަރުން ވެސް ކޯސް ފެށުމުގެ ކުރިން އެއީ އެމްކިއުއޭ އެޕްރޫވް ކުރާ ކޯހެއްތޯ ޔަގީންކުރުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް