މަތީ ތައުލީމު ދޭ މަރުކަޒުތަކަކުން 'އީ-ލާނީން' ޕްރޮގްރާމް ހިންގުމުގެ ހުއްދަ ނުހޯދައި ޕްރޮގްރާމްތައް ހިންގާތީ، މޯލްޑިވްސް ކޮލިފިކޭޝަންސް އަތޯރިޓީ (އެމްކިއުއޭ)އިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފިއެވެ.
އެމްކިއުއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަތީ ތައުލީމު ދޭ މަރުކަޒުތަކުން އީ ލާނިން ހުއްދަ ނުހޯދާ ޕްރޮގްރާމްތައް އިޝްތިހާރުކޮށް، ހިންގާކަމުގެ ޝަކުވާތައް އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ.
ކޮވިޑް-19ގެ ތެރޭގައި ރާއްޖޭގެ ހުރިހާ މަތީ ތައުލީމުދޭ މަރުކަޒުތަކުން އީލާނިން ޕްރޮގްރާމްތައް ހިންގުމަށް ހުއްދަ ދިނުމަށް ފަހު 2022ގައި އެމްކިއުއޭއިން ވަނީ އެ ހުއްދަ ބާޠިލްކޮށްފައެވެ. އަދި "ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު އަދި "ގައިޑްލައިންސް ފޯ އީލާނީން" ގެޒެޓްގައި ޝާއިއުކޮށް، ރާއްޖޭގެ ހުރިހާ މަތީ ތައުލީމުދޭ މަރުކަޒުތަކުން އެ ގަވާއިދާ އެއްގޮތަށް ޕްރޮގްރާމް ހުށަހަޅައި، ހުއްދަ ހޯދުމަށް އެމްކިއުއޭއިން އޭރު ވަނީ އަންގައިފައެވެ.
ހަމަމިއާއެކު އެ މަރުކަޒުން ހިންގާ ޕްރޮގްރާމަކީ އެމްކިއުއޭ އިން ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން އަދި އެ ޕްރޮގްރާމެއްގެ "ޑެލިވަރީ މޮޑިލިޓީ"، އެ އޮތޯރިޓީގެ ވެބްސައިޓް ކޮލިފިކޭޝަންސް ރަޖިސްޓަރީއިން ކަށަވަރު ކުރުމަށްފަހު ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްކިއުއޭ އިން ބުނީ އެކްރެޑިޓް ކޮށްފައިނުވާ ޕްރޮގްރާމަކުން ޙާސިލްކުރާ ސަނަދެއް އެ އަތޯރިޓީއިން ގަބޫލު ނުކުރާނެ ކަމަށާއި އެކަމުގެ ޒިންމާ ނުނަގާނެ ކަމަށެވެ.
އެމްކިއުއޭއިން ބުނީ ކަނޑަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް މަރުކަޒުތަކުން ޕްރޮގްރާމްތައް އިޝްތިހާރުކޮށް، ހިންގާ ކަމަށް ވާނަމަ "ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު" ގެ 30 ވަނަ ބާބުގެ ދަށުން އެ މަރުކަޒަކަށް ފިޔަވަޅު އަޅާނެކަމަށެވެ.
އެ ބާބުގެ ދަށުން އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އެ މަރުކަޒަކުން ކަންކަން ރަނގަޅު ކުރަން އެންގުމާއި، ޖޫރިމަނާކުރުމާއި އިތުރު ޕްރޮގްރާމަކަށް އެކްރެޑިޓޭޝަން ނުދިނުން ހިމެނެއެވެ.
މީގެ ކުރިންވެސް އެމްކިއުއޭގެ ހުއްދަ ނެތި، ހުއްދަ އޮތް ކަމަށް ބުނެ ލަންކާގައި ކޯސްތަކެއް އިޝްތިހާރުކުރަމުންދާތީވެ، އެކަމަށް ސަމާލުވުމަށް އެ އަތޯރިޓީއިން އެދިފައިވެއެވެ.