މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މާފުށީ ޖަލު އޮފިސަރުންނަށް ޚާއްސަކޮށް ލިޔެލާ ޖެހުމާއި ކަސަބު ގެތުމުގެ ވޯކްޝޮޕެއް ފަށައިފިއެވެ.
މި ދެ ވޯކްޝޮޕް ކުރިއަށްދަނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 27ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ 14 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.
ލިޔެލާ ޖެހުމުގެ ވޯކްޝޮޕްގައި 10 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވާއިރު، ކަސަބު ގެތުމުގެ ވޯކްޝޮޕްގައި ހަ ޕްރިޒަން އޮފިސަރުންނާއި ހަތަރު ސިވިލް މުވައްޒަފުން ވަނީ ބައިވެފައިވެއެވެ.
ކަރެކްޝަންސްއިން ބުނީ މި ވޯކްޝޮޕްތަކުގެ މައިގަނޑު މަޤުޞަދަކީ ދިވެހި ސަގާފީ މަސައްކަތްތައް އާލާކުރުމަށްޓަކަށް އޮފިސަރުންނާއި މުވައްޒަފުން ތަމްރީންކުރުން ކަމުގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މާފުށީ ޖަލުގައި ލިޔެލާ ޖެހުމާއި ކަސަބު ގެތުމާބެހޭ ދެ ވޯކްޝޮޕްގެ ތެރެއިން--- ފޮޓޯ: ކަރެކްޝަންސް
އަދި ހުކުމް ތަންފީޛްކުރަމުންދާ ޤައިދީންނަށް އޮފިސަރުން މެދުވެރިކޮށް ޖަލުގައި މި މަސައްކަތްތައް ދަސްކޮށްދީ، މިއަހަރުތެރޭ މާފުށީ ޖަލުގައި ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ޤައިދީންގެ އުފެއްދުންތައް ދައްކާލުމާއި، އެތަކެތި ވިއްކައިގެން އާމުދަނީ ލިބުމުގެ ފުރުޞަތު ހޯދައިދިނުމަކީ ވެސް މި ވޯކްޝޮޕްގެ މަގުސަދެއްކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ޤައިދީންނަށް އަމާޒުކޮށްގެން މިފަދަ ވޯކްޝޮޕްތަކާއި ތަމްރީންތައް ހިންގުމަކީ ޤައިދީންގެ ރިހެބިލިޓޭޝަނަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މާފުށީ ޖަލުގައި ލިޔެލާ ޖެހުމާއި ކަސަބު ގެތުމާބެހޭ ދެ ވޯކްޝޮޕްގެ ތެރެއިން--- ފޮޓޯ: ކަރެކްޝަންސް
ކަރެކްޝަންސްއިން ބުނީ އެ އިދާރާއިން އަބަދު ވެސް، މަސައްކަތްކުރަނީ ޤައިދީން ކުށްކުރުމުން ދުރުހެލިކޮށް، ޖަލުގައި ހޭދަ ކުރާ ދުވަސްތައް ފައިދާކުރެނެވި ދުވަސްތަކަކަށް ހެދުމަށާއި، އެމީހުން ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމައަށް ދޫކުރުމަށް ކަމަށެވެ. އަދި ޖަލުން ނިކުތުމަށްފަހު، އާމްދަނީއެއް ހޯދޭނެ މަސައްކަތެއް ދަސްކޮށްދިނުމަކީ އަމާޒެއް ކަމުގައި ކަރެކްޝަންސްއިން ބުންޏެވެ.
ލިޔެލާ ޖެހުމުގެ ވޯކްޝޮޕް ކުރިއަށްގެންދަނީ ޢަބްދުލް އަޒީޒް އާ ގުޅިގެން ކަމުގައިވީއިރު، ކަސަބު ގެތުމާ ބެހޭ ވޯކްޝޮޕްގެ ކްލާސްތައް ނަގައިދެއްވަނީ ގަތާ ޓޭލްސްގެ ފަރާތުން ފާތިމަތު ނަދުހާ ޢަބްދުލް މުހުސިންއެވެ.
މިފަދަ އެހެން ޞަގާފީ މަސައްކަތްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް މުސްތަޤްބަލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.