ވޮޝިންޓަން (17 ޖުލައި 2024): އެމެރިކާގެ ރައީސް ޖޯ ބައިޑެން ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާ އެކު ބައްވާ ރަސްމީ ބައްދަލުވުންތަކުގައާއި ބައިނަލްއަގުވާމީ އެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާއިރު ހަނދާންނެތިގެން ބައިޑަންއަށް ވިދާޅުވެވޭ ކުށްބަސްތަކާއި ހަނދާންނެތިގެން ނުބައިކޮށް ކުރެވޭ ކަންކަން ގިނަވަމުންދާތީ މިހާރު ބައިޑެން ދުނިޔޭގެ ފެންވަރުގެ ޖޯކަކަށް ވެފައިވާކަމަށް "ޕޮލިޓިކޯ"އިން ބުނެފިއެވެ.
އެމެރިކާގެ ސިޔާސީ ޑިޖިޓަލް ނޫހެއްކަމަށްވާ "ޕޮލިޓިކޯ" ބުނާގޮތުން ދުނިޔޭގެ ލީޑަރުންގެ ނަންތަކާއި ގައުމުތަކުގެ ނަންތައް ނުބައިކޮށް ވިދާޅުވުމަކީ ބައިޑެން އާންމުކޮށް ކުރައްވާކަމަކަށް މިހާރު ވެއްޖެއެވެ. އަދި، އެ ކަމުގެ ހުތުރުނަން އެމެރިކާގެ ދައުލަތަށް ތަކުރާރުކޮށް ރައްދުވަމުންދާތީ ކޮންގްރެސްގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިންގެ އިތުރުން ބައިޑެން ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ބައެއް އިސްފަރާތްތައް ވަނީ ވަރަށް ކަންބޮޑުވެފައެވެ. ނަމަވެސް، މި ކަމާ ބެހޭގޮތުން ފާޅުގައި ވަހަކަދައްކަން ކެރެނީ މަދު ބަޔަކަށެވެ.
ބައިޑެންގެ ފަރާތުން މުސްކުޅި ބަލީގެ އަލާމާތްތައް ފެންނަމުންދަނީ ވަރަށް ބޮޑަށެވެ. ނޫސްވެރިންނާ އަދި ބައެއް ލީޑަރުން ބައިޑެންއާ ކުރައްވާ ބައެއް ސުވާލުތަކަށް ޖަވާބުދެއްވާއިރު ވެސް ވިދާޅުވާނެ އެއްޗެއް އެނގިވަޑައިނުގެން ބަސް ހުއްޓި ޖަވާބުދޭނެ ގޮތެއް ހަނދާނަށް ނައިސް އިރުކޮޅެއްގައި ހުންނަވާ މަންޒަރު ބައިޑަންގެ ކިބައިން ދަނީ ތަކުރާރުކޮށް ފެންނަމުންނެވެ.
މިއީ ބައިޑެން ވެރިކަމަށް ގެންނަން ބޭނުންވާ ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުންގެ ވެސް ކަންބޮޑުވުމެއްކަމަށް ވެއެވެ. އެއީ، މި ހާލަތުގައި ރިޔާސީ ރޭހުގައި ބައިޑެންގެ މައްޗަށް ޓްރަމްޕް ކުރި ހޯއްދަވާނެ ކަމަށް ބެލެވޭތީއެވެ. އަދި، ޚިޔާލު ހޯދުމުގެ ސާވޭތަކުން ވެސް އެކަން ހާމަވާތީއެވެ.
"ޕޮލިޓިކޯ"އިން ބުނާގޮތުން އެމެރިކާގެ ރައީސްކަމަށް ޓްރަމްޕް ވަޑައިގެންފިނަމަ އެމެރިކާ ޔޫރަޕާ ދުރުވެ، ނޭޓޯއާ އަޅާނުލައްވާނެކަމަށް ބެލެވޭތީ އެމެރިކާގެ ބައިވެރިންކަމަށްވާ ޔޫރަޕާއި ނޭޓޯގެ ލީޑަރުން ޓްރަމްޕާ މެދު އިންތިހާއަށް ކަންބޮޑުވުން އެބައޮތެވެ. ބައިޑެންގެ ފަރާތުން ފެންނަ މުސްކުޅި ބަލީގެ އަލާމާތްތަކުން އެ ބޭފުޅުންވަނީ އިންތިހާއަށް ކަންބޮޑުވެވަޑައިގެންފައެވެ.
އެހެންކަމުން އެމެރިކާގެ ރިޔާސަތަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ބޭފުޅަކު ވެސް މިހާރު ވެފައިވަނީ ޔޫރަޕާ އަދި ނޭޓޯގެ ލީޑަރުންނަށް ބޮޑު މައްސަލައަކަށެވެ. މި ދެ ބޭފުޅުންކުރެ ކޮންމެ ބޭފުޅަކާ މެދު ވެސް ޔޫރަޕާއި ނޭޓޯގެ ލީޑަރުންގެ ނުތަނަވަސްކަން އިންތިހާއަށް އެބައޮތެވެ.
ބައިޑެންގެ ނާގާބިލުކަން އެންމެ ބޮޑަށް ފެނިގެން ގޮސްފައިވަނީ ދާދި ފަހުން ބޭއްވި އެމެރިކާގެ ރިޔާސީ ބަހުސްގައެވެ. މި ބަހުސްގެ ރިޔާސަތުން ކުރި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަން ބައިޑަންއަށް އެނގިވަޑައިގެންފައިނުވާއިރު ބައިޑެންގެ ފަރާތުން ފެނިފައިވަނީ ނެގިމަޑުވެފައި ހުރުމާއި ޖޯޝާއި ހިތްވަރުނެތް މަންޒަރެވެ. ޓްރަމްޕް ރައްދުކުރެއްވި ބަހުގެ ހަމަލާތަކަށް ފަސޭހައިން ރައްދުދެވެން އޮތްއިރު ވެސް އެކަން ކުރައްވަން ބައިޑެންއަށް ނޭނގުމުގެ މައްސަލަ ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެއެވެ.
މިކަމުގެ ސަބަބުން ބައިޑެންއަށް ތާއީދު ކުރައްވާ އެމެރިކާގެ ބައެއް އެލީޓުންނާއި ޑިމޮކްރެޓިކް ޕާޓީގެ އިސް ބައެއް ފަރާތްތަކާއި އަދި ބައިޑެންގެ ކޭންޕޭނަށް ޚަރަދުކުރާ ބައެއް ފަރާތްތައް ވަނީ އިންތިހާއަށް ކަންބޮޑުވެފައެވެ. މިއާއެކު ބައިޑެން ރިޔާސީ ރޭހުން ވަކިވަޑައިގަތުމަށް ގޮވައިލާ އަޑުތައް ވެސް އެމެރިކާގައިވަނީ ގަދަވެފައެވެ.
ނަމަވެސް، ބައިޑެން ހުންނެވީ ދޫދެއްވައި ފަހަށް ޖެހިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ޓްރަމްޕް ބަލިކުރުމުގެ ތަޖުރިބާ ހުރި ބޭފުޅަކީ ހަމައެކަނި އޭނާއެވެ. ޓްރަމްޕް ފަސޭހައިން ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ބައިޑެން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ޓްރަމްޕް ވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ނޭޓޯއަށް އެމެރިކާ ދޭ ސަމާލުކަން ކުޑަކުރާނެކަމަށް ވިދާޅުވެފައެވެ. އަދި، އަސްކަރީ ޖަމާއަތްތައް ހަދައިގެން މައްސަލަ ހޫނުކުރުމުގެ ބަދަލުގައި އިސްކަން ދެއްވާނީ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މިގޮތުން ޔުކްރެއިންގެ މައްސަލަ ވެސް ވާހަކަދައްކައިގެން ހައްލަކަށް ގެންނާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މިއީ ބައިޑެން ގެންގުޅުއްވާ ފިނި ހަނގުރާމައިގެ ބޯދާ ފިކުރު ގެންގުޅޭ ނޭޓޯއަށް ނިސްބަތްވާ ޔޫރަޕްގެ ލީޑަރުން އެދޭގޮތެއް ނޫނެވެ. ބައިޑެން އެކޭ އެއްގޮތަށް ޔޫރަޕްގެ ލީޑަރުން ވެސް ބޭނުންވަނީ ނޭޓޯ ވަރުގަދަކޮށްގެން ރަޝިއާއާ ކުރިމަތިލައިގެން ރަޝިއާ ބަލިކުރުމަށެވެ. ޔުކްރެއިން ހަނގުރާމަ ވެސް ހައްލުކުރަން ބޭނުންވަނީ ޔުކްރެއިނަށް ހަތިޔާރު ދީގެން ރަޝިއާ އަސްކަރީ ގޮތުން ބަލިކޮށްގެންނެވެ.
މިއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ސަބަބަކީ ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރަށް ވެފައި ބަލިވާ ހާލަތުގައި ނިއުކްލިޔާ ޓެކްޓިކަލް ހަތިޔާރު ބޭނުންކުރާނެކަމުގެ އިންޒާރު ރަޝިއާއިން ދީފައިވާތީއެވެ.