މި މަހުގެ މިހާތަނަށް 76،800 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި

ވީއައިއޭ، ފަތުރުވެރިން، ޓޫރިސްޓުން

މި ހިނގާ ޖުލައިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް 76،837 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްގެ އެންމެ ފަހުގެ ތަފާސްހިސާބު ދައްކާ ގޮތުގައި މި އަހަަރުގެ މިހާތަނަށް 1،092،366 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 5،545 ފަތުރުވެރިން ރާއްޖެ އަންނަމުންދާއިރު، ހަފްތާއެއްހާ ދުވަސް އެ މީހުން ރާއްޖޭގައި ހޭދަކުރާ ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

އެ ގޮތުން މިދިޔަ ހޯމަ ދުވަހު އެކަނި ވެސް 5،122 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިދިޔަ ދެ އަހަރާއި އަޅައިކިޔާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރެވެ. އެ ގޮތުން 2023ވަނަ އަހަރުގެ މިހާތަނަށް 998،330 ފަތުރުވެރިން އައިއިރު، 2022ވަނަ އަހަރުގެ މިހާތަނަށް އައިސްފައިވަނީ 880،049 ފަތުރުވެރިންނެވެ.

ޓޫރިސްޓް އެރައިވަލްސްގެ އަދަދުތަކަށް ބަލާއިރު، 2022ވަނަ އަހަރު ޖުމްލަ 1.6 ފަތުރުވެރިން ރާއްޖެ އައެެވެ. އަދި ޖެހިގެން އައި 2023ވަނަ އަހަރު 1.8 މިލިއަން ފަތުރުވެރިން އައެވެ. ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފައި އޮތީ މި އަހަރުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

މި އަހަރު ފެށުނު ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގޮތުން މިހާތަނަށް ޗައިނާގެ 136،728 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ 12.5 އިންސައްތައެވެ. އެންމެ ގިނަ ފަތުވެރިން ރާއްޖެ އަންނަ ގައުމުގެ ގޮތުގައި ޗައިނާ އޮތްއިރު، މިދިޔަ އަހަރު އެ ގައުމު އޮތީ ޓޮޕް މާކެޓުގެ ތިންވަނައިގައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިޔާއިންނެވެ. މިދިޔަ އަހަރު ޓޮޕް މާކެޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން މި އަހަރުގެ މިހާތަނަށް 114،981 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 10.5 އިންސައްތައެވެ.

ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. މިހާތަނަށް 98،775 ފަތުރުވެރިން އެ ގައުމުން އައިސްފައިވާއިރު، އެއީ މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ ނުވަ އިންސައްތައެވެ.

ރާއްޖޭގައި 182 ޓޫރިސްޓް ރިޒޯޓުހުރިިއިރު، އެއީ 44،279 ޓޫރިސްޓު ބެޑެވެ. އޭގެ ތެރެއިން 175 ރިޒޯޓެއް އޮޕަރޭޓް ކުރަމުން އަންނައިރު، އޮޕަރޭޝަނަލް ކެޕޭސިޓީގައި ހުރީ 42،955 ބެޑެވެ. ދިވެހި ފަތުރުވެރިކަމުގެ 69 އިންސައްތަ ހިއްސާކުރަނީ ރިޒޯޓުތަކުންނެވެ.

comment ކޮމެންޓް