ދެކުނުގައި މަސް ގަންނަ 4 ބޯޓެއް ފެލިވަރުގެ ދަށަށް، 100 ޓަން ކިރާ ބޯޓެއް ކޫއްޑުއަށް

ޖަޒީރާ 102 ބޯޓު: މީގެ ކުރިން ފެލިވަރުން އޮޕަރޭޓު ކުރަމުން ދިޔަ އެ ބޯޓު ދެން އޮޕަރޭޓު ކުރާނީ ކޫއްޑޫ ސައިޓުން -- ފޮޓޯ/ މިފްކޯ

ރާއްޖޭގެ ދެކުނުގައި މަސް ގަންނަން އޮޕަރޭޓުކުރާ ހަތަރު ބޯޓެއް ފެލިވަރުގެ ދަށަށް ބަދަލުކޮށް، ފެލިވަރުން އޮޕަރޭޓު ކުރަމުން އައި، 100 ޓަނަށް ވުރެ ގިނަ މަސް ގަނޑުކުރާ ބޯޓެއް ކޫއްޑުއަށް ގެންދަން ނިންމަފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މިއަދު ބުނީ، ރާއްޖޭގެ ދެކުނުގައި މަސްގަންނަން އޮޕަރޭޓްކުރާ އާރުއެސްޑަބްލިޔު 27.5 ޓަނު ޖާގައިގެ ބޯޓުފަހަރުގެ ތެރެއިން ރަންދި 23، 24، 25، 26، ފެލިވަރުން އޮޕަރޭޓް ކުރާ ބޯޓުތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

އެ ހަތަރު ބޯޓުވެސް ކުރިން އޮޕަރޭޓް ކުރަމުންދިޔައީ ކޫއްޑޫއިން ކަމަށާއި ފެލިވަރުން އޮޕަރޭޓު ކުރަމުންދިޔަ ޖަޒީރާ-102 ދެން އޮޕަރޭޓް ކުރާނީ ކޫއްޑޫ ސައިޓުން ކަމަށް މިފްކޯއިން ބުނެއެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒާހިރު ވިދާޅުވީ، އެ ހަތަރު ބޯޓު ފެލިވަރަށް ބަދަލު ކުރުމުން އިތުރު ބަނދަރުތަކުގައި މަސްގަންނަ ބޯޓު ބޭއްވޭނެ ކަމަށެވެ.

"ފެލިވަރަކީ ދަޅު ބަންދުކުރާ ފެކްޓްރީއަކަށް ވެފައި، އެތަނަށް ބޮޑަށް ބޭނުންވާ، އާރުއެސްޑަބްލިޔުގައި ބެހެއްޓިފައި ހުންނަ ތާޒާ މަސް ހޯދުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު މަގުސަދެއް. މިކަމުގެ ސަބަބުން އުތުރުގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ މަސްވެރީންނަށް މަސްކިރޭނެ ކަމުގެ ޔަގީންކަން އިތުރުވެގެންދާނެ." ޒާހިރު ވިދާޅުވިއެވެ.

މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި: މިފްކޯގެ ބޯޓުތަކުގެ އޮޕަރޭޝަނަށް ގެނައި ބަދަލާއެކު، މަސްވެރިންނަށް ލުއިތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒާހިރު ވިދާޅުވީ، ދެކުނުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ރަންދި ސީރީޒްގެ ކުޑަ ބޯޓަކަށް އެންމެ ދޯންޏެއްގެ މަސް ވެސް ނުކިރޭކަމަށާއި ނަމަވެސް ޖަޒީރާ-102 ދެކުނަށް ބަދަލުކުރުމުން އެ ސަރަހައްދުގައި ގަނޑުކުރެވޭ މަސް އިތުރުވާނެ ކަމަށެވެ. އެކަމުގެ ސަބަބުން މަސްވެރި މޫސުމުގައި އޮޑިދޯނިފަހަރުތަކުން މަސްކިރުމަށް ހަދާ ކިއު ކުޑަވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒާހިރު އިތުރަށް ވިދާޅުވީ، މި ބަދަލާއެކު ޒުވާނުންނާއި މަސްވެރިކަމުގެ ސިނާއަތާ އަލަށް ގުޅެން ބޭނުންވާ އާންމު ފަރުދުންގެ މެދުގައި މަހަށް ފުރުމުގެ ޝައުގުވެރިކަން އިތުރުވާނެ ކަމަށެވެ.

މީގެއިތުރުން، މިފްކޯގެ ފްލީޓާ އެންމެ ފަހުން ގުޅުނު ޖަޒީރާ-106 އާއި ޖަޒީރާ-105 ވެސް މަސް ގަތުމުގައި ހަރަކާތްތެރިވާކަމަށާއި ދާދި އަވަހަށް ޖަޒީރާ-104 ވެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ޖަޒީރާ-104 އޮތީ މިހާރު މާލޭގެ ބަނދަރުގައި ކަމަށާއި އެބޯޓަށް މަސް ގަތުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް މިފްކޯއިން ބުނެއެވެ. ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުން ފެށޭއިރު، އެކުންފުނިން މަސްގަންނަ ފްލީޓަށް 150 ޓަން އިތުރަށް ގަނޑު ކުރެވޭނެ ކަމަށް މިފްކޯއިން ވަނީ ލަފާކޮށްފައެވެ.

މިފްކޯގެ ފްލީޓުގައި މިވަގުތު އެއް ކެރިއާ ވެސަލް އޮތްއިރު، މަސްކިރުމުގެ އޮޕަރޭޝަންގައި މިހާރު 13 ބޯޓު ހަރަކާތްތެރިވެއެވެ. އަދި، އެ ބޯޓުފަހަރުތަކަށް ކިރާ މަސް ސައިޓަށް ގެންދިޔުމުގައި ފަސް ބޯޓު އޮވެއެވެ.

comment ކޮމެންޓް