މާރާމާރީއެއްގެ މައްސަލައެއްގައި ވީޑީއޯއަށް ބަލާ، ކުޑަކުއްޖެއްގެ މައްޗަށް ކުށް ސާބިތުކޮށްފި

ސުޕްރީމް ކޯޓް: އެ ކޯޓުން ވަނީ މާރާމާރީއެއްގެ މައްސަލައެއްގައި ވީޑީއޯއަށް ބާރުދީ، ކުޑަކުއްޖެއްގެ މައްޗަށް ކުށް ސާބިތުކޮށްފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީއެއްގައި ބައިވެރިވި ކުޑަކުއްޖެއްގެ މައްސަލައެއްގައި ލިބުނު ވީޑިއޯ ފުޓޭޖްތަކަށް ބާރުދީ، އެކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެ ކުއްޖާގެ މައްޗަށް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާ ކުރީ ތިނެއް ޖެނުއަރީ 2018ގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދިން މީހާ ގޮވައިގެން އެ ސަރަހައްދުން ގޮސްފައިވަތީއެވެ.

ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހެޅި މައްސަލައަށް ކުޑަކުއްޖާ އިންކާރުކޮށްފައިވާއިރު، އެކުއްޖާއާ ދެކޮޅަށް ވީޑިއޯ ފުޓޭޖްތަކެއް ހުށަހަޅައިފައިވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

އެހެންވެ، ކުށް ސާބިތު ކުރުމަށް ދައުލަތުން ކުޑަކުއްޖާއާ ދެކޮޅަށް ސިއްރު ހެކިވެރިއެއް މެދުވެރިކޮށް ހެކި ބަސް ދީފައިވިޔަސް ޖުވެނައިލް ކޯޓާއި ހައި ކޯޓުން ނިންމީ ވީޑީއޯތަކާއި އޭގެ އެނަލިސިސް ރިޕޯޓަކީ ގަރީނާއެއް ކަމަށްވާތީ އޭގެ މައްޗަށް ބިނާކޮށް، ކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުން، މި ހާދިސާގައި ހަމަލާދިން މީހާ ގޮވައިގެން ސައިކަލުގައި ދިޔައީ އެ ކުއްޖާ ކަމަށް ސިއްރު ހެކިވެރިޔާ ޖުވެނައިލް ކޯޓުގެ އިސްތިއުނާފުގައި ބުނެފައިވެއެވެ. އަދި، ވީޑިއޯ ފުޓޭޖްތަކުން ފެންނަ މީހާއާ އެ ކުއްޖާގެ ސިފަތައް ދިމާވާ ވީޑީއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓުގައި ބުނާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ޖުވެނައިލް ކޯޓު: މިމައްސަލާގައި އެ ކޯޓުން ނިންމީ ވީޑީއޯތަކާއި އޭގެ އެނަލިސިސް ރިޕޯޓަކީ ގަރީނާއެއް ކަމަށްވާތީ އޭގެ މައްޗަށް ބިނާކޮށް، ކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ހުކުމުގައި އިތުރަށް ބުނީ، ވީޑިއޯތަކަކީ ގަރީނާއެއް ކަމަށްވާތީ އޭގެ މައްޗަށް ބިނާކޮށް ކުށް ސާިތުނުވާކަމަށް ހައި ކޯޓުން ބުނެފައިވީ ނަމަވެސް އެއީ ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް އެއްވެސް އަސާސެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.

މީގެއިތުރުން، ސިއްރު ހެކިވެރިޔާގެ ހެކި ބަހުން، އެ މައްސަލާގައި ކުއްޖާ ބައިވެރިވިކަން ކަށަވަރުނުވާ ކަމަށް ދެ ކޯޓުން ވެސް ނިންމާފައި ވަނީ ރަނގަޅަށް ނޫން ކަމަށާއި އެ ކުއްޖާއާ ދެކޮޅަށް ހެކިވެރިޔާ އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

ކުއްޖާއާ ދެކޮޅަށް ހެކި ހުށަހަޅާފައި ވަނީ އެންމެ ހެކިވެރިއެވެ. ހުކުމުގައި ބުނާ ގޮތުން، އެންމެ ހެކިވެރިއަކު ހުންނަ ހާލަތުގައި އޭނާގެ ބަހުގެ އެތެރެފުށާއި ބޭރުފުށް އެއްގޮތްވާނަމަ ކުށް ސާބިތުވާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ އުސޫލަކީ ހަމައެކަނި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި އެކަނި ބޭނުން ކުރެވޭ އުސޫލެއް ނޫނެވެ.

ހަމައެހެންމެ، ގުޅުވާލެވޭ ގަރީނާގައި ހުންނަ އެނޫން މައްސަލަތަކުގައި ވެސް އެ އުސޫލު ބޭނުން ކުރެވޭނެ ކަމަށާއި މި މައްސަލާގައި ސިއްރު ހެކިވެރިޔާގެ ބަހުގެ ތެދުވެރިކަން ދެން ހުރި ގަރީނާތަކުން ކަށަވަރުވެއެވެ.

ހައިކޯޓު: މިމައްސަލާގައި ހައި ކޯޓުން ވެސް ނިންމީ ވީޑީއޯތަކާއި އޭގެ އެނަލިސިސް ރިޕޯޓަކީ ގަރީނާއެއް ކަމަށްވާތީ އޭގެ މައްޗަށް ބިނާކޮށް، ކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް --- ސަން ފައިލް ފޮޓޯ/ އިޙްތިޝާމް މުޙައްމަދު

އެކަންކަން ފާހަގަކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ، ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، އެކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައެވެ. އެ ކުއްޖާގެ މައްޗަށް ކަނޑައަޅާނެ އަދަބާމެދު ގޮތެއް ނިންމުމަށް އެ ކޯޓުން ވަނީ ޖުވެނައިލް ކޯޓަށް އެ މައްސަލަ ތަހުވީލު ކޮށްފައި ކަމަށް ހުކުމުގައި ބުނެއެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ

comment ކޮމެންޓް