ޔޫރޯ 2024: އިންގްލެންޑާއި ސްޕެއިން، ވާމް އަޕް

ޔޫރޯ 2024: އިންގްލެންޑާއި ސްޕެއިން ބައްދަލުކުރާ މެޗު ފެށެނީ މިރޭ 00:00 ގައި


ޔޫރަޕު ބައްރުގެ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔޫރޯގެ މިއަހަރުގެ މުބާރާތް ނިމުމަކާ ކައިރިވީއެވެ. ފައިނަލުގައި ބައްދަލުކުރަނީ ޔޫރަޕު ބައްރުގެ ފުޓުބޯޅައިގެ ގަދަ ދެ ބާރެވެ. އެއްކޮޅުން ވާދަކުރަނީ މި މުބާރާތް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ ސްޕެއިންނެވެ. އިންގްލެންޑަކީ ޔޫރޯގެ ތައްޓެއް ނުލިބުނު ކަމުގައިވިއަސް ޔޫރަޕުގެ ފުޓުބޯޅައިގައި އެންމެ ވަރުގަދަ އަދި މުއްސަނދި އެއް ގައުމެވެ.

އިންގްލެންޑަށް ތައްޓެއް ނުލިބުނަސް އެންމެ ފަހުން ބޭއްވި މުބާރާތުގެ ފައިނަލުގައި ވެސް އެ ގައުމުން ވަނީ ކުޅެފައެވެ. އަދި ސްޕެއިންއަކީ ޖެހިޖެހިގެން ދެ ފަހަރެއްގެ މަތިން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާ ހަމައެކަނި ޓީމެވެ. އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަންކަން އިޓަލީން ހޯދީ އިންގްލެންޑު ބަލިކޮށްގެންނެވެ. މި ޔޫރޯގައި އެންމެ ބޮޑު ތަފާތަކީ ސްޕެއިންއެވެ. ފައިނަލަށް ދަތުރުކުރީ މޮޅުވުމުގެ ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ.

ޖުމްލަ 16 ޔޫރޯ މުބާރާތެއް މިހާތަނަށް ބާއްވާފައިވާއިރު، އެންމެ ގިނަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމުތަކުގެ ތެރޭގައި ސްޕެއިން ހިމެނެއެވެ. ދެން ހިމެނެނީ މި މުބާރާތް ބާއްވާ ޖަރުމަނެވެ. ދާދި ހަމަހަމަކޮށް ދެ ގައުމު އޮތްއިރު، ސްޕެއިނަށް މި ފައިނަލުގައި އޮތް އެންމެ ހާއްސަ އެއްކަމަކީ، ޖަރުމަނު ފަސްގަނޑުގައި ޖަރުމަނާއެކު އެއްވަރުވެފައި އޮތް އެ ރެކޯޑު މުގުރާލަން ފުރުސަތު ލިބުމެވެ.

ހެޑް ޓު ހެޑް

ސްޕެއިން އާއި އިންގްލެންޑް މިހާތަނަށް އަށްފަހަރު ވަނީ ވާދަކޮށްފައެވެ. އޭގެތެރެއިން ފަސް ފަހަރު ސްޕެއިން ކާމިޔާބުކުރި އިރު، އިންގްލެންޑަށް މޮޅު ލިބުނީ ދެ ފަހަރެވެ. އެއްވަރުވީ އެއްފަހަރުއެވެ.

ސްޕެއިންގެ ލަފާކުރެވޭ ފުރަތަމަ އެގާރަ:

  • ސިމޯން؛ ކަރްވަހާލް، ލެ ނޯމަންޑް، ލަޕޯޓް، ކުކުރެލާ؛ ރުއިޒް، ރޮޑްރީ، އޮލްމޯ؛ ޔަމާލް، މޮރާޓާ، ވިލިއަމްސް

އިންގްލެންޑު ލަފާކުރެވޭ ފުރަތަމަ އެގާރަ

  • ޕިކްފޯޑް؛ ވޯކާ، ސްޓޯންސް، ގުއެހީ؛ ސަކާ، މައިނޫ، ރައިސް، ޝޯ، ބެލިންހަމް، ފޯޑެން؛ ކޭން

ފައިނަލުގެ ކުރިން ދެ ކޯޗުންގެ ބަސް:

ލުއިސް ޑެ ލާ ފުއެންޓޭ (ސްޕެއިން):

" އަހަރެމެން ފައިނަލާ ކުރިމަތިލާނީ ވަރަށް ސާބިތުކަމާއެކު، އެއީ މުޅި ޓީމު އޮތީ އެކަތިގަނޑެއްގެ ގޮތުގައި، އިދިކޮޅުގެ ކުޅުމުގެ ސްޓައިލަަށް އަހަރެމެން ވަރަށް ވިސްނާނަން" ޑެ ލަ ފުއެންޓޭ

ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ

ސްޕެއިންގެ ކޯޗުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމުގެ މޮޅު ހަލުވި ގޭމް ނުފެނިދާނެތީއެވެ. އެއީ އެ ޓީމުގެ ތަޖުރިބާކާރު ބައެއް ކުޅުންތެރިންނަށް މި މެޗުގައި ނުކުޅެވޭތީއެވެ. ނަމަވެސް އޮތް ހިިތްހަމަޖެހުމަކީ ބައިނަލްއަގްވާމީ މައިދާނުގައި ތަޖުރިބާ ނެތް ނަމަވެސް ދަނޑުމަތީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެ ގައުމުގެ އުއްމީދީ ތަރިިންނެވެ.

ގެރެތު ސައުތުގޭޓު (އިންގްލެންޑު):
" މިއީ ތާރީހު ބަދަލުކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް، މިއީ ވަޅުޖެހިފައި އޮތް އިންގްލެންޑު ފުޓުބޯޅައިގެ އިހްތިރާމު އަނބުރާ ގެންނާނެ މެޗަކަށް ހަދަން ބޭނުން، ކޮންމެހެން މި ތަށި ބޭނުންވޭ، އެކަމަކު ސްޕެއިންގެ އެ މޮޅު ފޯމު އެއީ އަހަރެމެންނަށް އޮތް ގޮންޖެހުން، އެކަމަކުވެސް މި ކޮލިޓީ ކުޅުންތެރިންނާއެކު ތަފާތު ދެއްކޭނެ" ސައުތުގޭޓު ބުންޏެވެ.

އިންގްލެންޑު ކޯޗު ގެރެތު ސައުތުގޭޓު

ސައުތުގޭޓް ބުނެފައިވަނީ ސްޕެއިން ޓީމަކީ މޮޅު ޓީމެއް ކަމަށާއި މިފަހަރުގެ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ސްޕެއިން މޮޅުވެގެން ފައިނަލަށް އައުމަކީ އެ ޓީމުގެ ކޮލިޓީ ދައްކައިދޭ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އިންގްލެންޑް ޓީމު އޮތީ މިރޭގެ މެޗަށް ފުރިހަމައަށް ތައްޔާރު ވެގެން ކަމުގައި ސައުތުގޭޓް ފާހަގަކުރެއެވެ.

ޖަރުމަނުގެ ބާލިންގެ އޮލިމްޕިއާސް ސްޓޭޑިއަމްގައި ސްޕެއިން އާއި އިންގްލެންޑު ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 00:00 ގައެވެ.

comment ކޮމެންޓް