ވަޓްސްއެޕްގައި ލައިވް ތަރުޖަމާ ކުރުމުގެ ފީޗަރެއް ތަޢާރަފުކުރަނީ

ވަޓްސްއެޕް އިން އަލަށް ތަޢާރަފްކުރާ ތަރުޖަމާ ފީޗާ --

ވަޓްސްއެޕް އިން ލައިވް ތަރުޖަމާ ކުރުމުގެ ފީޗާެއް ތަޢާރަފުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފީޗާ ޓްރެކަރ ވާބެޓާއިންފޯ އިން ހާމަކޮށްފިއެވެ.

މި ފީޗާ ބޭނުންކުރާނީ އެޕްލިކޭޝަންގެ އަމިއްލަ ޕްރޮސެސިންގ ބޭނުންކޮށްގެން ކަމަށާއި، މިގޮތުން މަޢުލޫމާތު ރައްކާކުރެވޭނީ ކްލައުޑް ސާވަރުގެ ބަދަލުގައި ޑިވައިސްގައި ކަމަށް ބުނެއެވެ.

މި ފީޗާ ފެނިފައިވަނީ އެންޑްރޮއިޑް އެޕްލިކޭޝަންގެ 2.24.15.8 ވާޝަންގައި ކަމަށް ވާބެޓާއިންފޯ އިން ބުނެއެވެ.

މި ފީޗާ ބޭނުންކުރުމަށް ބޭނުންވާ ބަހުގެ ޕެކޭޖްތައް ޑައުންލޯޑް ކުރަން ޖެހިދާނެ ކަމަށާއި، ފުރަތަމަ މަރުހަލާގައި އިނގިރޭސި އަދި ހިންދީ ބަހަށް ސަޕޯޓް ކުރާނެ ކަމަށް ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ބަސްތަކަށް ވެސް ސަޕޯޓް ކުރާނެ ކަމަށް ލަފާކުރެވެއެވެ.

މި ފީޗާ ތަޢާރަފުކުރުމުން، ޗެޓް ތެރޭގައި އޮޓޮމެޓިކުން ތަރުޖަމާ ކުރެވޭނެ ކަމަށާއި، އެހެން އެޕްލިކޭޝަނަކަށް ދިއުމުގެ ބޭނުމެއް ނެތި ތަރުޖަމާ ކުރެވޭނެ ކަމަށް ބުނެއެވެ. ނަމަވެސް މި ފީޗާ އަދި އޮތީ ތަރައްޤީކުރަމުންދާ މަރުހަލާގައި ކަމަށާއި، ބީޓާ ޓެސްޓަރުންނަށް ވެސް އަދި ލިބެން ނެތް ކަމަށް ވާބެޓާއިންފޯ އިން ބުނެއެވެ.

މީގެ އިތުރުން، ވޮއިސް މެސެޖްތައް ލައިވްކޮށް ޓްރާންސްކްރިޕްޓް ކުރުމުގެ ފީޗާެއް ވެސް ވަޓްސްއެޕް އިން ތަރައްޤީކުރަމުންދާ ކަމަށް ބުނެއެވެ.

މި ފީޗާ ފެނިފައިވަނީ އެންޑްރޮއިޑް ބީޓާ އެޕްލިކޭޝަންގެ 2.24.15.5 ވާޝަންގައި ކަމަށާއި، މި ފީޗާ ބޭނުންކުރުމަށް ބޭނުންވޭތޯ އަހާ ބެނާއެއް ފެންނާނެ ކަމަށް ބުނެއެވެ. އަދި މި ފީޗާ މިހާރު ވެސް ބައެއް ބީޓާ ޓެސްޓަރުންނަށް ލިބެން ހުރި ކަމަށް ވާބެޓާއިންފޯ އިން ހާމަކޮށްފައިވެއެވެ.

comment ކޮމެންޓް