ދިރާގުގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފި

ދިރާގުގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފި: 79 އެވޯޑު ވަނީ ދީފައި -- ފޮޓޯ/ ދިރާގު

ދިރާގުން އެ ކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.

މިއީ އެ ކުންފުންޏަށް ކާމިޔާބީތަކާއި ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ބާއްވާ އިވެންޓެކެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި މި އިވެންޓު ޝަރަފުވެރިކޮށްދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދެވެ.

މި އިވެންޓުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ކުންފުނީގެ ބޯޑު މެންބަރުންނާއި އިސް ބޭފުޅުންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި އިވެންޓުގައި ދިރާގަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ 79 މުވައްޒަފަކަށް އެވޯޑު ދީފައެވެ.

ދިރާގުގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި ދީފައިވާ އެވޯޑުތައް:

  • 10، 15 އަދި 25 އަހަރު ކުންފުންޏަށް ޚިދުމަތްކޮށްދިން މުވައްޒަފުންނަށް ދޭ އެވޯޑު: މި އެވޯޑު 45 މުވައްޒަފަކަށް ވަނީ ދީފައި
  • ޑިވިޝަނަލް މެރިޓް އެވޯޑު: މި އެވޯޑު 15 މުވައްޒަފަކަށް ވަނީ ދީފައި
  • ސްޕެޝަލް މެރިޓް އެވޯޑު: މި އެވޯޑު 11 މުވައްޒަފަކަށް ވަނީ ދީފައި
  • އިނޮވޭޝަން އެވޯޑު: މި އެވޯޑު ފަސް މުވައްޒަފަކަށް ވަނީ ދީފައި
  • އައުޓްސްޓޭންޑިން ލީޑާސް އެވޯޑު: މި އެވޯޑު ދެ މުވައްޒަފަކަށް ވަނީ ދީފައި

ރޭގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ޗެއާމަންގެ އެވޯޑު ލިބުނީ، ދިރާގުގެ އިންޖިނިއާ ކޯ ސިސްޓަމްސް، އިސްމާއިލް ސަމާހަށެވެ.

ދިރާގުން ބުނީ ސަމާހުގެ ފަންނީ ތަޖުރިބާއާއި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދިރާގުގެ މައި ސިސްޓަމް ޕްރޮޖެކްޓްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ.

އެ ކުންފުނިން ބުނީ، އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުން ކަމަށެވެ.

comment ކޮމެންޓް