ޕައުލީނިއާ ބަޔާންއަށް ސޮއިކޮށްފި

ޔޫރޯ 2024 މުބާރާތުގައި ވާދަކުރި ޕޯޗުގަލް ޤައުމީ ޓީމުގެ މެދުތެރެއިން މުހިންމު ދައުރެއް އަދާކުރި ޖާއޮ ޕައުލީނިއާ ޖަރުމަނު ބުންޑެސްލީގާގެ ބަޔާން މިޔުނިކަށް ސޮއިކޮށްފިއެވެ.

ޕައުލީނިއާ ބަޔާންއަށް ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 42.3 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ޕައުލީނިއާ ގެންދިއުމުގެ މަސައްކަތް ބަޔާންއިން ވަނީ މިދިޔަ ސީޒަންގައި ވެސް ކޮށްފައެވެ. ނަމަވެސް، މިދިޔަ ސީޒަންގައި އެކަން ކާމިޔާބުވާގޮތް އޮތީ ނުވެފައެވެ. ބަޔާންއަށް ސޮއިކުރުމަށް ފަހު އެ ކުލަބުގެ ޕައުލީނިއާ ބުނީ، މިއީ އޭނާގެ ހަޔާތުގައި އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ.

ޕައުލީނިއާ ބަޔާންއަށް ބަދަލުވުމުގެ ކުރިން ކުޅުނީ އިނގިރޭސި ޕްރިިމިއާ ލީގުގެ ފުލަމްއަށެވެ. އޭނާ ފުލަމްއާ ގުޅިފައިވަނީ 2022 ވަނަ އަހަރު ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއިން 17 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ފުލަމްގައި އޭނާ ހޭދަކުރި ދެ ސީޒަންގައި ޕައުލީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ ފުލަމްގައި ހޭދަކުރި ފުރަތަމަ ސީޒަންގައި އެ ކުލަބުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. ފުލަމްއަށް އޭނާ ވަނީ 79 މެޗު ކުޅެދީ އަށް ލަނޑު ޖަހައިދީފައެވެ.

ޕައުލީނިއާގެ ކުރިން ބަޔާންއިން ވަނީ އެ ލީގުގެ ކްރިސްޓަލް ޕެލަސްއަށް ކުޅެމުންދާ ފަރަންސޭސި ކުޅުންތެރިޔާ މައިކަލް އޮލީސޭ ވެސް އެ ކުލަބަށް ގެންގޮސްފައެވެ. ބަޔާންއަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުންދިޔަ އިނގިރޭސި ޑިފެންޑާ އެރިކް ޑައާ ވެސް ވަނީ އޭނާގެ ލޯނު އެއްބަސްވުން ދާއިމީކޮށްފައެވެ.

މިދިޔަ ސީޒަންގައި ބަޔާންއަށް ކުރިމަތިލާން ޖެހުނު ނާކާމިޔާބީތަކާ ގުޅިގެން އެ ޓީމުން ވަނީ މި ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައެވެ. މި ގޮތުން އެ ޓީމުގެ އާ ކޯޗަކަށް ވަނީ ބަންލީގެ ކުރީގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް