ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކުޅިވަރު ސާމާނުތަކެއް އިއްޔެ ހަދިޔާކޮށްފިއެވެ.
އެ ސާމާނުތައް ހަދިޔާކޮށްފައިވަނީ އިއްޔެ އެ ކަމަށްޓަކައި ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ހަފުލާއެއްގައެވެ. ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން އެ ސާމާނުތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުންނެވެ.
ބަންގްލަދޭޝްއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި:
- 100 ފުޓުބޯޅަ
- 100 ފުޓްސަލް ބޯޅަ
- 90 ވޮލީ ބޯޅަ
- 100 ބިބްސް
މިނިސްޓްރީގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ސްޓޭޓު މިނިސްޓަރު މުހައްމަދު ރިޔާޒެވެ. އެ ތަކެތި ހަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު އެޑްމިރަލް އަބްދުލް ކަލާމް އާޒާދެެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
އެ ތަކެއްޗާ ހަވާލުވެވަޑައިގަތުމަށް ފަހު ސްޓޭޓު މިނިސްޓަރު ރިޔާޒް ވަނީ އެ ތަކެތި ހަދިޔާކުރެއްވި ކަމަށްޓަކައި ބަންގްލަދޭޝްގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި، އެ ތަކެތީގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ފައިދާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ތަކެތި ބަހަން ނިންމާފައިވަނީ ސްކޫލުތަކާއި އެހެން ބައެއް އިދާރާތަކަށެވެ.
ތަކެތި ހަދިޔާކުރުމަށް ފަހުގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު ވަނީ ދެ ގައުމުގެ ގުޅުމަށް އަލިއަޅުއްވައިލައްވައިފައެވެ. އަދި، ރާއްޖެއާ އެކު ބަންގްލަދޭޝްއިން ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް ހައިކޮމިޝަނަރު ވަނީ ދެއްވައިފައެވެ.
ކުޅިވަރު ސާމާނު ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީއާއި ހައިކޮމިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.