މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ (އެމްޕީސީ) އިން ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ޕެރަ ޝޫޓިން ކޮމްޕޯނެންޓެއް ގައުމީ ކުޅިވަރުގެ ފްރޭމްވޯކްގައި އިންޓެގްރޭޓް ކުރުމާއި އެސޯސިއޭޝަންގެ ތެރޭގައި ޕެރަ އެތުލީޓުންނަށް ރަސްމީ މެމްބަޝިޕް ނިޒާމެއް ގާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
ޝޫޓިން އެސޯސިއޭޝަނުގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވީ އެ އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރުންނެވެ.

ޝޫޓިން އެސޯސިއޭޝަނާއި ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން ބޭއްވި މަޝްވަރާތަކުގެ ތެރެއިން-- ފޮޓޯ: މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ
މި މަޝްވަރާތަކުގެ ތެރެއިން ރާއްޖޭގެ ޝޫޓިންގައި މިހާރު ހުރި ގޮންޖެހުންތަކާއި ވަސީލަތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ދާއިމީ ޝޫޓިން ރޭންޖެއް ނެތުމާއި އެންމެ އެކަށީގެންވާ މިންވަރަށް މި ކުޅިވަރުގައި ބޭނުންކުރާނެ އާލާތްތައް ނެތްކަން ވަނީ ފާހަގަކޮށްފައެވެ.
މި ގޮންޖެހުންތަކާއެކު ވެސް މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި ޝޫޓިން އެސޯސިއޭޝަން ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން ހުރި ގޮންޖެހުންތަކުގެ ވާހަކަ ކުޅިވަރު ވުޒާރާއާ ހަމައަށް ގެންދިއުމަށް ވާހަކަދެކެވުނެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޖިސްމާނީ ގާބިލްކަމަށް ބެލުމެއްނެތި ކޮންމެ ދިވެއްސަކަށްވެސް ޝޫޓިން ކުޅެވޭނެ މަގު ފަހިކޮށްދިނުން" ޕެރަލިމްޕިކް ކޮމިޓީން ބުނެއެވެ.
ކުޅޭނެ ވަސީލަތްތަކެއް ނެތް ނަމަވެސް ޝޫޓިންއަކީ ރާއްޖޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ އެއް ކުޅިވަރެވެ. އެގޮތުން ދާދިފަހުން ރާއްޖޭގެ ޖޫނިއާ ޓީމު ވަނީ އޭޝިއާ ބައްރުގެ މުބާރާތެއްގައި ވާދަކޮށް ތިން ލޯ މެޑަލް ހޯދާފައެވެ.