ރަމަޟާން ކްރިކެޓް ކާނިވަލުގެ އޯޕަން މުބާރާތުގައި މިއަހަރު 13 ޓީމު

ކްރިކެޓް ކާނިވަލުގެ އޯޕަން 2025 ގެ މެޗެއްގެ ތެރެއިން-- ފޮޓޯ: ސީބީއެމް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ކޮންމެ ރަމަޟާންމަހު ބާއްވާ ފޯރިގަދަ ކްރިކެޓް ކާނިވަލުގެ އޯޕަން މުބާރާތުގައި މިއަހަރު 13 ޓީމެއް ބައިވެރިވެއްޖެއެވެ.

މިއަދު ހަވީރު ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ކްރިކެޓު މުބާރާތް ކުރިއަށްދާނީ މާޗު 3 ގެ ނިޔަލަށެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބޭނީ ދިވެހިންނަށެވެ. އަދި ކޮންމެ ޓީމަކަށްވެސް ޓީ ޓުވެންޓީ ޕްރިމިއާ ލީގުގައި ކުޅުނު އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު އެބައޮތެވެ.

އޯޕަން މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ކަރުދާސް ކޭކޭ، ޑީއެސްސީ، ކިންޒާ ކެފޭގެ އިތުރުން ސަންކުއިކް ލިލީއެވެ. ގްރޫޕް ބީގަ ހިމެނެނީ ޕޮލިސް ކުލަބާއި، ޓީއެފްޓީ، އެވިއާ މޯލްޑިވްސް އަދި ފިނޮޅެވެ. އަދި ގްރޫޕް ސީގައި ހިމެނެނީ ހަފްލާން، އޯއެފްއެފްޔޫ، މެރީ ކޯނާ، ނާލިގެ އިތުރުން މީޓިއޯސްއެވެ.

އޯޕަން މުބާރާތުގެ ޝެޑިއުލް

މުބާރާތުގެ ފޯމެޓު ރޭވިފައިވަނީ ގޮތުން ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށް ސެމީ ފައިނަލުގެ ފުރުސަތު ލިބޭއިރު ހަތަރުވަނަ ޓީމުގެ ޖާގަ ލިބޭނީ ތިން ގްރޫޕުގެ ތެރެއިން އެންމެ ޕޮއިންޓު ރަނގަޅު ޓީމަކަށެވެ.

ކުޅިވަރު އެކުވެނީގެ އައުޓްޑޯގައި ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ ދުވަހެއްގެ ހަވީރު ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗު 16:00 ގައި ފަށާއިރު، ދެވަނަ މެޗު ފަށާނީ 17:00 ގައެވެ.

އޯޕަން މުބާރާތަށްފަހު ދެން ކުރިއަށްގެންދާނީ އޮފީސްތަކުގެ މުބާރާތެވެ. މިއަހަރުގެ އޮފީސް މުބާރާތުގައި ޖުމްލަ ހަ ޓީމެއް ވާދަކުރެއެވެ. އޮފީސް މުބާރާތް ކުރިއަށްދާނީ މާޗު 4-9 ގެ ނިޔަލަށެވެ. އެއަށްފަހު އެންމެ ފޯރިގަދަ އެއް މުބާރާތް ކަމަަށްވާ ކޮމްޕެނީ މުބާރާތް ކުރިއަށްދާނީ ޖުމްލަ 12 ޓީމާއެކުއެވެ. މުބާރާތް ކުރިއަށްދާނީ މާޗު 9-16 ގެ ނިޔަލަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު