ޣައްޒާއާއި މިސްރު ގުޅޭ ސަރަހައްދީ ރޮނގުގެ ކޮންޓްރޯލު ބޭނުންވާ ކަމަށް އިސްރާއީލުން ބުނެފި

ޣައްޒާއާއި މިސްރު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ވަގުތީ ހިޔާތައް ހަދައިގެން --- ފޮޓޯ/އިންގްލިޝް އަރަބިއާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާއާއި މިސްރު ގުޅޭ ރަފަހްގެ ސަރަހައްދީ ރޮނގުގެ ކޮންޓްރޯލު ބޭނުންވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ނަތަންޔާހޫ އެ ގޮތަށް ވިދާޅުވީ، ގަތަރުގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިންމާލުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވުމަށް ފަހުއެވެ.

އެ ގޮތަށް ޑިމާންޑުކުރަނީ މިސްރުން ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރަހައްދީ ރޮނގުގެ ކޮންޓްރޯލު ބޭނުންވަނީ ދާއިމީކޮށް ކަމެއް ނުވަތަ ނޫން ކަމެއް ނަތަންޔާހޫ ވިދާޅެއްނުވެއެވެ. ނަމަވެސް، މިއީ ރަފަހްގެ ސަރަހައްދީ ރޮނގުގެ ފަލަސްތީނު ފަޅީގެ ކޮންޓްރޯލު ހޯދުމަށް އިސްރާއީލުން ބާރުއެޅި ފުރަތަމަ ފަހަރެވެ.

ނަތަންޔާހޫ ވިދާޅުވީ، ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތަކުގައި އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑްގެ ޖާސޫސީ ވެރިޔާ ޑޭވިޑް ބާނިއާ އިސްކޮށް ހުންނަވައިގެން ބައިވެރިވީ ހަމާސް ނައްތާލެވެންދެން ހަނގުރާމަކޮށް، ހަމާސްއިން ރަހީނުކޮށްފައިވާ ރަހީނުން މިނިވަންކުރުމުގެ ޝަރުތާ އެކު ކަމަށެވެ.

ގަތަރުގެ މަޝްވަރާތަކުގައި އުންމީދީ ނިންމުންތަކެއް އެމެރިކާއިން ފާޅުކުރި ނަމަވެސް، ހަމާސް ނައްތާލެވެންދެން ހަނގުރާމަ ކުރާނެ ކަމަށް ނަތަންޔާހޫ ވަނީ ވައުދުވެވަޑައިގެންފައެވެ.

ހަމާސް ނައްތައިލުމުގެ މަގުސަދުގައި ކަމަށް ބުނެ، ޣައްޒާގެ އާންމުންނަށް އަމާޒުކޮށްގެން އިސްރާއީލުން ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 38،345 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް