13 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލާގައި ހައްމާދަށް 14 އަހަރުގެ ޖަލު ހުކުމެއް

13 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލާގައި ހައްމާދުގެ މައްޗަށް ކުށަ ސާބިތުވެއްޖެ: އޭނާގެ މައްޗަށް ވަނީ 14 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވާފަ ---

ކައިވެނީގެ ނަމުގައި ތޭރަ އަހަރުގެ ކުޑަ ކުއްޖަކު ރޭޕުކޮށް، އެ ކުއްޖާ ވިހެއި މައްސަލައިގައި ރ. މަޑުއްވަރި، ފެހިއަލި، އިސްމާއީލް ހައްމާދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މައްސަލައިގައި ހައްމާދުގެ މައްޗަށް އުފުލާފައި ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ބުނީ ހައްމާދުގެ މައްޗަށް ކުށް ސާބިތުވެ، އެ ކުށަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބުކަމުގައިވާ 14 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް މިއަދު ހުކުމް ކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމަށްފަހު، ތަންފީޒުކުރަން ޖެހޭ ޖަލު އަދަބަކީ ނުވަ އަހަރާއި ހަތަރު މަހާއި 15 ދުވަސް ކަމަށް އެ ކޯޓުން ބުންޏެވެ.

މި މައްސަލާގައި ކުދިން ބެލުމުގައި އިހުމާލުވި ކަމުގެ ތުހުމަތުގައި އުމުރުން 13 އަހަރު ކުއްޖާގެ މައިންބަފައިން ވެސް ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި ކުއްޖާގެ މަންމައަށް ހަތަރު ދައުވާއެއް އުފުލާފައި ވާއިރު ބައްޕަގެ މައްޗަށް އުފުލާފައި ވަނީ އެއް ދައުވާއެވެ.

ކުއްޖާގެ މަންމަގެ މައްޗަށް އުފުލި ދައުވާތައް:

  • މަންމައަކަށް ނުވަތަ ބައްޕައަކަށް ނުވަތަ ބެލެނިވެރިއަކަށް ހުރެ، ކުއްޖާގެ ސިއްހަތަށް ނުވަތަ ރައްކާތެރިކަމަށް ނުވަތަ މަސްލަހަތަށް އެކަށީގެންނުވާ ގޮތެއްގައި އުނިކަން އަތުވެދާނެ ފަދަ ހާލަތެއްގައި، 14 އަހަރަށްވުރެ ދޮށީ މީހަކު ނުބަހައްޓައި 24 ގަޑިއިރަށް ނުވަތަ އެއަށްވުރެ ގިނަ އިރަށް އެއް އަހަރު ނުފުރޭ ކުޑަކުއްޖަކު ދޫކޮށްލުމުގެ ކުށުގެ ދައުވާ
  • މަންމައަކަށް ނުވަތަ ބައްޕައަކަށް ނުވަތަ ބެލެނިވެރިއަކަށް ހުރެ، ކުއްޖާއާމެދު ކުށެއް ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ އެކަށީންގެންވާ ފިޔަވަޅު އަޅާފައި ނުވުމުގެ ކުށުގެ ދައުވާ
  • ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ
  • ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތައް ހުރަސްއެޅުމުގެ ކުށުގެ ދައުވާ

ކުއްޖާގެ ބައްޕަގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތައް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

comment ކޮމެންޓް