ވޯޓާ ރަންވޭ ދިއްލައި، ރޭގަނޑު ސީ ޕްލޭން ދަތުރުކުރަން ފަށަނީ

ޓީއެމްއޭގެ ސީ ޕްލޭނެއް: ރޭގަނޑު ސީ ޕްލޭންގެ ދަތުރުތައް ފަށަން އަންނަނީ ތައްޔާރުވަމުން --- ފޮޓޯ: ޓީއެމްއޭ

ވޯޓާ ރަންވޭ އަލިކުރަން ބައްތި ޖަހައި، ރޭގަނޑު ވެސް ސީ ޕްލޭންގެ ޚިދުމަތް ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު މިއަދު ވިދާޅުވެއްޖެވެ.

އެއާ ސާވިސް ވޯލްޑް ކޮންފަރެންސްގެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޝަން ހިންގަނީ ރާއްޖޭގައި ކަމަށެވެ.

މި ގޮތުން، މިހާރު ވެސް އެންމެ ބާރުބޮޑު ވަގުތުތަކުގައި 60 ސީ ޕްލޭން މޫވްމަންޓް ހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު: ވިދާޅުވީ، ވޯޓާ ރަންވޭ ދިއްލަން ބައްތި ޖަހައި، ރޭގަނޑަށް ސީޕްލޭން ދަތުރުތައް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް --- ފޮޓޯ/ އެމްއޭސީއެލް

ޝަރީފް އިތުރަށް ވިދާޅުވީ، މުސްތަގުބަލުގައި އެ އަދަދު 70 އަރާނެ ކަމަށާއި އެމްއެސީލްގެ އަމާޒަކީ އެއާޕޯޓުގެ ކެޕޭސިޓީ 84 މޫވްމަންޓަށް އިތުރުކުރުން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިހާރު ސީ ޕްލޭން ދަތުރުތައް އޮންނަނީ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ކަމަށްވާއިރު، ރޭގަނޑު ވެސް ސީޕްލޭންގެ ޚިދުމަތް ދެވޭ ގޮތަށް ވޯޓާ ރަންވޭގައި، ލައިޓް ހަރުކުރުމަށް ވަނީ ނިންމާފައެވެ.

މި ބަދަލާ އެކު ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން އައިސް ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އުމްރާނީ ބޮޑު ކުރިއެރުމެއް އަންނާނެ،އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުން ބަދަހިކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރެވެ. މިއީ މި ކޮންގްރެސް ބާއްވާ ހަތްވަނަ ފަހަރެވެ.

މި އަހަރުގެ ކޮންގްރެސް ރާއްޖޭގައި ބާއްވާއިރު، ޖުމްލަ 27 އެއާލައިން އަދި 17 އެއާޕޯޓާ އެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް