ރާއްޖޭގައި ކަސްރަތާއި ދުވުމުގެ ހަރަކާތްތައް އިންތިޒާމުކުރާ 'އައި ރަނާސް'ގެ ފަރާތުން ބާއްވާ ހާފް މެރަތަން 2024ގެ މެޑިކަލް ޕާޓްނަރުގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ސޮއިކޮށްފިއެވެ.
އެ ހޮސްޕިޓަލުން ބުނީ، މެޑިކަލް ޕާޓްނަރުގެ ހައިސިއްޔަތުން އިއްޔެ ބޭއްވި ހާފް މެރަތަން އެކްސްޕޯގައި ދުވުންތެރިންނަށް ހިލޭ ބޭސިކް ހެލްތު ޗެކަޕްގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ މެރަތަންގެ ދުވުން މާދަމާ އޮންނައިރު، ސިއްޙީ ޚިދުމަތާއި ފަސްޓް އެއިޑް ފޯރުކޮށްދިނުމަށް ހޮސްޕިޓަލުގެ ޑޮކްޓަރުން ހަރަކާތްތެރިވާނެ ކަމަށާއި އެންބިއުލާންސް ވެސް އެ ސަރަހައްދުގައި އޮންްނާނެ ކަމަށް ޓްރީޓޮޕުން ބުނެއެވެ.
އެ ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ، މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކޮށް، 'ހެލްތީ ލައިފްސްޓައިލް' ޕްރޮމޯޓްކުރާ މިފަދަ ހަރަކާތްތަކަށް އެ ހޮސްޕިޓަލުން މަރުޙަބާ ކިޔާ ކަމަށެވެ. އަދި، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ހަރަކާތްތަކަށް ޓްރީޓޮޕް ހޮސްޕިޓަލުން އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް ހާފް މެރަތަން އަކީ "އައި ރަނާސް"ގެ ފަރާތުން މުޖުތަމަޢުގައި ސިއްޙީ ހޭލުންތެރިކަން އިތުރުކޮށް ދުޅަހެޔޮ ސިއްޙަތެއް ޕްރޮމޯޓްކުރުމަށް ބާއްވާ ޚާއްސަ ދުވުމެކެވެ.
. ދުވުމުގެ ކެޓަގަރީތައް:
- 21 ކިލޯމީޓަރު
- 15 ކިލޯމީޓަރު
- 10 ކިލޯމީޓަރު
- ފަން ރަން: ފަސް ކިލޯމީޓަރު
- އިންލައިން ސްކޭޓިން
- ވީލްޗެއާ ރޭސް: ފަސް ކިލޯމީޓަރު
ފާހަގަކޮށްލެވޭ ގޮތުގައި، ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ މަޝްހޫރު ދުވުންތަކާއި އެހެނިހެން ހަރަކާތްތަކަށް ފަސްޓް އެއިޑް އަދި މެޑިކަލް ސަޕޯޓް ފޯރުކޮށްދީފައެވެ.