ސައުތުގޭޓާ ދިމާލަށް އެއްޗެއް ކިޔޭކަށް ނެތް، އެ ތިބީ ފައިނަލުގައި

މި ފަހަރުގެ ޔޫރޯ 2024 މުބާރާތް ފެށީއްސުރެ އިނގިރޭސި ސަޕޯޓަރުންނާއި އެ ނޫން ވެސް ފުޓުބޯޅަ ސަޕޯޓަރުން އެންމެ ފާޑުކީ އެއް ކޯޗަކީ އިނގިރޭސިވިލާތުގެ ކޯޗު ގެރެތު ސައުތުގޭޓެވެ. ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބި އިނގިރޭސި ޓީމުގެ ކުޅުން ފޫހިކަމުންނެވެ.

އެކަމަކު، އެ ކަމާ މެދު އެއްޗެއް ނުބުނެވޭވަރަށް އަނގަ ބަންދުކޮށްލާފައި އިނގިރޭސިން ރޭ ވަނީ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ.

އިނގިރޭސީން ޔޫރޯގެ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ފަހު ނޭވާގައި 2-1 އިން ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗު ފެށިތާ ހަތް މިނެޓު ތެރޭ ނެދަލެންޑުން ވަނީ ލަނޑެއް ޖަހައި އިނގިރޭސީން ހާސްކޮށްލައިފައެވެ. ޕެނަލްޓީ އޭރިއާގެ ބޭރުން ޒަވީ ސިމޯންސް ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑްގެ އަތުގައި ވެސް ލައްވައިނުލައެވެ.

އެ ލަނޑާ އެކު އެހެން މެޗުތަކާ ހިލާފަށް ގިނަ ހަމަލާތަކެއް އުފައްދަން އިނގިރޭސީންނަށް މަޖުބޫރުވިއެވެ.

ނެދަލެންޑްސްއިން މެޗުގެ ލީޑު ނެގިތާ ގިނައިރުތަކެއްނުވެ، އިނގިރޭސި ކެޕްޓަން ހެރީ ކޭންއަށް ނެދަލެންޑްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ލިބުނެވެ. ވީޑިއޯ އެސިސްޓެންޓު ރެފްރީގެ އެހީގައި އެ ޕެނަލްޓީ ދިނުމުން ގިނަ ބަޔަކު ނުރުހުންވިއެވެ.

އެކަމަކު، ކޭން ޖެހި ޕެނަލްޓީ ފަސޭހަކަމާ އެކު ވައްދާލައި، މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

އޭގެ ފަހުން ދެ ޓީމުން ވެސް ދިޔައީ މެޗުގެ ނަތީޖާ އަނބުރާލަން މަސައްކަތްކުރަމުންނެވެ. ފަހު ނޭވާގައި އިނގިރޭސީންނަށް ކާމިޔާބު ހޯދައިދިނީ 90 ވަނަ މިނެޓުގައި އޮލީ ވޮޓްކިންސްއެވެ. ވޮޓްކިންސް ކުޅެން ނުކުތީ އިނގިރޭސި ކެޕްޓަން ހަރީ ކޭންގެ ބަދަލުގައެވެ.

މިއީ މިދިޔަ ޔޫރޯގެ ފައިނަލުގައި އަމިއްލަ ދަނޑުގައި އިޓަލީ އަތުން ބަލިވި އިނގިރޭސީން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. އެކަމަކު، ކުރިން ދުވަހަކު ވެސް އެ ޓީމަށް މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

އިނގިރޭސި ކޯޗު ސައުތުގޭޓަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ބަދަލުތައް ގެންނަން ނުކެރޭ ކަމަށް ބުނެއެވެ. އަދި، އިނގިރޭސި ޓީމުން ކުޅޭ 'ގިނިމަޑު' ފޫހި ކުޅުމާ ހެދިއެވެ.

އެކަމަކު، މިހާތަނަށް އިނގިރޭސީން ބައްދަލުކުރި އެންމެ އުނދަގޫ ޓީމާ ދެކޮޅަށް ރޭ ކުޅުނު މެޗު އެ ޓީމުން ވަނީ ޑޮމިނޭޓުކޮށްފައެވެ. މެޗުގެ ނަތީޖާ ނެރުމުގައި ސައުތުގޭޓު ގެނައި 'މޮޅު' ބަދަލުތައް ދައުރެއް އަދާނުކުރެއެކޭ ބުނެވޭކަށް ނެތެވެ.

މުބާރާތުގެ ފައިނަލުގައި އާދިއްތަ ދުވަހުގެ ރޭ 12 ޖަހާއިރު އިނގިރޭސީން ނުކުންނާނީ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޕެއިނާ ދެކޮޅަށެވެ.

comment ކޮމެންޓް