ބަލި މީހުންނަށް ބޭންކް ރޭޓުގައި ޑޮލަރު ވިއްކާ ކަމަށް ބުނެ ބޮޑު ސްކޭމެއް

މީހަކު ޑޮލަރުތަކެއް ހިފައިގެން: އާސަންދައިގެ ލޯގޯ ޖަހައި، ދައުރުކުރަމުންދާ ޕޯސްޓެއްގައި ބަލި މީހުންނަށް ބޭންކް ރޭޓުގައި ޑޮލަރު ވިއްކާނެ ކަމަށް ބުނެފައިވޭ --- ސަން ފައިލް ފޮޓޯ

އާސަންދައިގެ ދަށުން ބޭސްފަރުވާއަށްދާ ބަލި މީހުންނަށް ބޭންކް ރޭޓުގައި ޑޮލަރު ވިއްކާ ކަމަށް ބުނެ ޕޯސްޓެއް ދައުރުވަމުންދާތީވެ، އެކަމަށް ސަމާލުވާން އެކުންފުނިން އަންގައިފިއެވެ.

އާސައިންދައިން ބުނީ ސޯޝަލް މީޑިއާގައި އެކުންފުނީގެ ލޯގޯ ބޭނުންކޮށްގެން ޕޯސްޓެއް ދައުރުކުރަމުން ގެންދާ ކަމަށެވެ. އެ ޕޯސްޓުގައި އާސަންދައިންގެ ދަށުން ބޭސް ފަރުވާއަށް ދާ މީހުންނަށް ބޭންކު ރޭޓުގައި ޑޮލަރު ހަމަޖައްސައިދޭނެ ކަމަށް ބުނެ ނަމްބަރެއް ޖަހައިފައިވެއެވެ.

އާސައިންދައިން މިއަދު "އެކްސް"ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަކީ އެކުންފުންޏާއި، އެކުންފުނީގެ ސްކީމާ އެއްވެސް ގުޅުމެއް އޮތް ޕޯސްޓެއް ނޫން ކަމަށެވެ.

ފަހަކަށް އައިސް އެކި ގޮތްގޮތުން އޮޅުވާލައިގެންނާއި ބިރު ދައްކައިގެން ވެސް ފައިސާ ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.

މިގޮތުން ވައިބާ ހެކްކޮށްގެންނާއި ކުންފުނިތަކުގެ ނަމުގައި, ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ، ފުލުހުން ވަނީ އެކަމަށް ސަމާލުވުމަށް އެދިފައެވެ.

https://sun.mv/193469

ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި 2022 ވަނަ އަހަރު ސްކޭމްގެ 1،081 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު މިދިޔަ އަހަރު އެފަދަ 971 މައްސަލަ ރިކޯޑު ކޮށްފައިވެއެވެ.

ރާއްޖެއަށް ޑޮލަރު ލިބުން ދަތިވެފައިވާއިރު، ބޭންކް ރޭޓަކީ ޑޮލަރަކަށް 15.42 ރުފިޔާ ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅެނީ 17 އާއި 18 ރުފިޔާއާ ދެމެދުގައެވެ.

comment ކޮމެންޓް