ސްޕެއިންގެ އުމުރުން 16 އަހަރުގެ ކުޅުންތެރިޔާ ލަމީން ޔަމާލް ކާމިޔާބުކުރި ތާރީޚީ ލަނޑާ އެކު ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ސްޕެއިން ފައިނަލަށް ދަތުރުކޮށްފިއެވެ.
ބާލިންގެ އެލިއާންޒް އެރީނާގައި ކުޅުނު ފޯރިގަދަ މެޗު ސްޕެއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު މިއީ ޔޫރޯގެ ފައިނަލަށް ސްޕެއިން ދަތުރުކުރި ފަސްވަނަ ފަހަރެވެ.
މެޗު ފަށައިގެން ސްޕެއިނުން ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުންދިޔަ ނަމަވެސް ފްރާންސުން ވަނީ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ފްރާންސަށް ލީޑު ނަގައިދިނީ ކޯލޯ މުއާނީއެވެ. މިއީ ކުޅުމުގެ ތެރެއިން މި މުބާރާތުގައި ފްރާންސް ކާމިޔާބުކުރި ފުރަތަމަ ލަނޑެކެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެދިނީ ކިލިއަން އެމްބާޕޭއެވެ. މިއީ އަރިމަތިން އޭރިއާ ތެރެއަށް މަތިން ނަގައިދިން ބޯޅައަކުން މުއާނީ ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑަށް ފަހު ފްރާންސުން ސްޕެއިންގެ ޑިފެންސްލައިނު ފޫއަޅުވާލަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް، އެ މަސައްކަތް ނާކާމިޔާބުކޮށްލީ މެޗުގެ 21 ވަނަ މިނެޓުގައި ލަމީން ޔަމާލް ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. އޭރިއާ ބޭރުން ފްރާންސްގެ ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައިން ކާމިޔާބުކުރި މި ލަނޑާ އެކު އޭނާ ވެފައިވަނީ ޔޫރޯގައި މިހާތަނަށް ލަނޑު ޖެހި އެންމެ އުމުރުން ހަނގު ކުޅުންތެރިޔާއަށެވެ. އޭނާ މި ލަނޑު ޖެހިއިރު އުމުރަކީ 16 އަހަރާއި 362 ދުވަހެވެ.
މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީސް މެޗުގެ 25 ވަނަ މިނެޓުގައި ސްޕެއިނުން ލީޑު ނެގިއެވެ. މި ލަނޑު ޑެނީ އޮލްމޯ ކާމިޔާބުކުރީ މުޅި ފްރާންސްގެ ޑިފެންސްލައިން ފޫއަޅުވާލުމަށް ފަހުއެވެ. ދެވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ކުޅުނީ ސްޕެއިނުންނެވެ.
ފްރާންސަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. ޚާއްސަކޮށް އެމްބާޕޭއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ގޯލާ އަމާޒުކޮށް މުޅި މުބާރާތުގައި ވެސް ފްރާންސަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވެއެވެ.
ސްޕެއިނާ އެކު މުބާރާތުގައި ފައިނަލުގައި ބައްދަލުކުރާނީ މާދަމާ ރޭ 00:00 ގައި އިންގްލެންޑް އަދި ނެދަލެންޑްސް ބައްދަލުކުރާ ސެމީ ފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ.