ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގައި ފުރަތަމަ ފަހަރަށް އަންހެނުން ބައިވެރިވެއްޖެ

ގެފުޅުގެ އޭރިއަލް ވިއުއެއް. ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގައި ފުރަތަމަ ފަހަރަށް އަންހެނުން ވަނީ ބައިވެރިވެފައި. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ކަޢުބަތުﷲ ގެފުޅުގެ ކިސްވާ ނުވަތަ އުރަކޮޅު ބަދަލުކުރުމުގައި ފުރަތަމަ ފަހަރަށް އަންހެނުން ބައިވެރިވެއްޖެއެވެ.

މުސްލިމުންގެ މާތްވެގެންވާ ދެ މިސްކިތް ކަމަށްވާ، މައްކާގެ މަސްޖިދް އަލް ޙަރަމާއި މަދީނާގެ މަސްޖިދް އަލް ނަބަވީ ބަލަހައްޓާ އޮތޯރިޓީން ނެރުނު ރިޕޯޓުގައިވާ ގޮތުން، ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ ރަސްމިއްޔާތުގައި އަންހެން މުވައްޒަފުން ބައިވެރިވެފައި ވަނީ އޭގެ ބައެއް ބައިތައް އުފުލައި، އެތަކެތި އެހެން މަސައްކަތްތެރިންނާ ހަވާލުކުރުމުގައެވެ.

އުރަކޮޅު ބަދަލުކުރުމުގައި އަންހެން މުވައްޒަފުންގެ ދައުރު ކުޑަ ނަމަވެސް، އެއީ ތާރީހުގައި ވެސް މިހާތަނަށް އަންހެނުން އެކަމުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އަދި އެއީ އެކި ދާއިރާތަކުން އަންހެނުންނަށް ފުރުސަތު ހޯދައިދީ އަންހެނުން ކުރިއެރުވުމަށް ސައުދީން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ކޮށްފައިވާ ކަމެއް ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ހައްޖު މޫސުމަށް ފަހު އަންނަ އިސްލާމީ އާ އަހަރުގައި ބާއްވާ އަހަރީ ރަސްމިއްޔާތުގެ ތެރެއިން ކޮންމެ އަހަރަކުވެސް ގެފުޅުގެ ކުރީގެ އުރަކޮޅު އާ ކުރާނެކަން އިއުލާނުކޮށްފައި ވަނީ މިއަހަރުއެވެ. އޭގެކުރިން ގެފުޅުގެ އުރަކޮޅު ބަދަލުކުރީ، ކޮންމެ އަހަރުކުވެސް ހައްޖު މޫސުމާ ދިމާކޮށެވެ.

ގެފުޅުގެ އުރަކޮޅު ފެކްޓަރީއެއްގައި ހަދަނީ 47 ބަޔަކަށްވާ ގޮތަށް އަތުންނާއި މެޝިނުން ފަހައިގެންނާއި ވިޔެގެންނެވެ. މި އުރަކޮޅު ހަދާ ތަނުގައި، ދިގުމިނުގައި 16 މީޓަރު ހުންނަ ކޮމްޕިއުޓަރައިޒްޑް ފަހާފޮއްޓެއް ހުރެއެވެ. މިއީ މުޅި ދުނިޔޭގައި ވެސް ހުންނަ މިފަދަ އެންމެ ބޮޑު މެޝިނެވެ.

ބަރުދަނުގައި 850 ވަރަކަށް ކިލޯ ހުންނަ އުރަކޮޅު ހެދުމަށް 52 މިލިއަން ރިޔާޟް ނުވަތަ 6.5 މިލިއަން އެމެރިކާ ޑޮލަރު ހޭދަވެއެވެ. އެހެންވެ މިއީ މިފަދަ ބޭނުމަކަށް ދުނިޔޭގައި ހަދާ އެންމެ އަގުބޮޑު އުރައެވެ.

comment ކޮމެންޓް