މާލެ ސަރަހައްދުގައި އެކްޓިވް އަށް ގޭންގެއް، ގިނައީ ކުޑަކުދިން

އެސްއޯ ފުލުހުންތަކެއް މާލޭގައި ހަރަކާތްތެރިވުން: ފުލުހުން ވަނީ މާލެ ސަރަހައްދުގައި އެކްޓިވް އަށް ގޭންގެއް އުޅޭ ކަމަށާއި އެ ގުރޫޕުތަކުގައި ގިނައީ ކުޑަކުދިން ކަމަށް ބުނެފައި -- ސަން ފޮޓޯ/ ހުސެން ހަސަން

މާލެ ސަރަހައްދުގައި އެކްޓިވް އަށް ގޭންގެއް މިހާރު ވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ގޭންގުތަކުގައި ގިނައީ 12 އަހަރާއި 13 އަހަރުގެ ކުޑަކުދިން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ބުނެފިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ސުޕްރިޑެންޓް އޮފް ޕޮލިސް އާރިފް ވިދާޅުވީ ގޭންގުތަކުގެ ސިފައިގައި ގްރޫޕްތައް ހަދައިގެން އެކި ކަހަލަ ކުށްތަކަށް އަރައިގަންނަމުން އަންނަކަން ފާހަގަ ވެފައި ވަނީ 2000 ވަނަ އަހަރުން ފެށިިގެން ކަމަށެވެ.

އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް ގޭންގުތަކުގެ ސިފައިގައި ގިނަ ނަންތަކެއް ލިސްޓު ކުރެވިފައި އެބަހުރި ކަމަށާއި އެކި ދުވަސްވަރު މި ލިސްޓު އިތުރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ހަރަކާތްތެރިވަމުން އައި ބައެއް ގޭންގުތައް މިހާރު އެހާ ހަރަކާތްތެރި ނޫން ކަމަށާއި ނަމަވެސް އަދުގެ ހާލަތަށް ބަލާއިރު މާލެ އާއި ހުޅުމާލެ ހިމެނޭހެން ވަރަށް ހަރަކާތްތެރި އަށް ގޭންގު މި ސަރަހައްދުން ފާހަގަކުރެވޭ ކަމަށް އާރިފް ވިދާޅުވިއެވެ.

"އަބަދުވެސް އެބަޔަކު އުޅޭ ސަރަހައްދަށް ގޮސް، ފާރަލައިގެން، އެބަޔަކު ކުށެއް ކޮށްފާނެތީ މާރާމާރީއެއް ހިންގަފާނެތީ އެތަންތަނަށް ގޮސް ބަލަން ޖެހޭ އަށް ގޭންގެއް އެބައުޅޭ. ކޮންމެ ދުވަހަކު އަޅުގަނޑުމެން އެ ބަޔަކަށް ފާރަލާން އެބަޖެހޭ. އެބަޔަކު އުޅޭނޫޅޭ ގޮތް ބަލަން އެބަޖެހޭ،" އޭނާ ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ އަތޮޅުތަކުގައި ވެސް ބޮޑެތި އާބާދީ އޮންނަ ސަރަހައްދުތަކުގައި ގޭންގުތައް ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އަދި މާލޭގައި އުފައްދައިފައިވާ ގޭންގުތަކުގެ މެންބަރުން އަތޮޅު ތެރޭގައި ވެސް ހަރަކާތްތެރިވަމުން އަންނަކަން އާރިފް ފާހަގަކުރެއްވިއެވެ.

"އައްޑުއަށް ބަލާކަމުގައިވާ ނަމަވެސް ހަ ވަރަކަށް ގޭންގު އަޅުގަނޑުމެންނަށް އެބަ ފާހަގަ ކުރެވޭ،" އޭނާ ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ އެކި ގޭންގުތަކުގެ މެންބަރުންގެ އަދަދުވެސް ތަފާތު ކަމަށެވެ. އެގޮތުން 25އިން ފެށިގެން 150އާ ދެމެދުގެ އަދަދަކަށް މީހުން ދެނެގަނެވިފައި އެބަހުރި ކަމަށާއި ބޮޑެތި ގޭންގުތަކަށް ބަލާއިރު 18 އަހަރު ނުފުރޭ ކުޑަކުދިންގެ އަދަދު 50 އަށްވުރެ ގިނަ ކަމަށް އާރިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭ ކަމެއް ކަމަށާއި މި ކަމަށް ފޯކަސް ކޮށްގެން ފުލުހުންގެ ޚިދުމަތުން މަސައްކަތް ކުރަމުން ދާކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ، ގޭންގުތަކާ ގުޅުން އޮންނަ 400 އެއްހައި ކުޑަކުދިން އެބަތިބި ކަމަށާއި އެ ކުދިންނަށް މިހާރުން މިހާރަށް އަޅާލަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/193558

ފުލުހުންގެ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރަން މިމަހު ފަށައިފައިވާއިރު ގޭންގުތަކާ ދެކޮޅަށް ވަކި ޔުނިޓެއް ގާއިމުކުރުން އެ ޕްލޭނުގައި ވަނީ ހިމަނައިފައެވެ.

comment ކޮމެންޓް