ސެމްސަން އިލެކްޓްރޯނިކްސްގެ ހިއްސާގެ އަގު ފާއިތުވި ތިން އަހަރުގެ ތެރޭގައި ނާރާ މިންވަރަށް މައްޗަށް އަރައިފިއެވެ. މިގޮތުން ހުކުރު ދުވަހުގެ ހެނދުނު ކުންފުނީގެ ހިއްސާގެ އަގު 2.24 އިންސައްތަ އިތުރުވެފައިވެއެވެ.
މިއީ ކުންފުނިން ދެވަނަ ކުއާޓަރުގެ ވިޔަފާރީގެ ނަތީޖާ އުންމީދުކުރި ވަރަށްވުރެ މާބޮޑު ކުރިއެރުމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ސެމްސަންއިން ބުނެފައިވާ ގޮތުގައި ދެވަނަ ކުއާޓަރގެ އޮޕަރޭޓިންގ ފައިދާގެ ގޮތުގައި ލިބޭނެކަމަށް ބެލެވެނީ 10.4 ޓްރިލިއަން ވޮންއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1,452 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މާހިރުން ލަފާކުރި 8.51 ޓްރިލިއަން ވޮންއަށްވުރެ މަތީ އަދަދެކެވެ.
ދެވަނަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 73 ޓްރިލިއަން ވޮންއާއި 75 ޓްރިލިއަން ވޮންއާ ދެމެދުގެ އަދަދެއް ލިބޭނެކަމަށް ބެލެވެއެވެ.
ކުންފުނީގެ މި ކުރިއެރުން އައިސްފައިވަނީ މެމޮރީ ޗިޕްގެ އަގު އަލުން މައްޗަށް ދިއުމާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭ އުންމީދުތަކާ ގުޅިގެންނެވެ.
ފާއިތުވި އަހަރު ކޯވިޑް-19 ގެ ބަލިމަޑުކަމަށް ފަހު އުފެއްދުންތަކަށް ހުރި ޑިމާންޑް ދަށްވެ، ކުންފުންޏަށް ބޮޑު ގެއްލުމެއް ވުމަށްފަހު މިހާރު ވަނީ އަލުން އާރާސްތުވެފައެވެ.
ސެމްސަންއިން ބުނާ ގޮތުގައި ދެވަނަ ކުއާޓަރުގެ ޑިމާންޑް އަންނަނީ މައިގަނޑު ގޮތެއްގައި ޖެނެރޭޓިވް އޭއައި އިންނެވެ.
ސެމްސަންގު ކުންފުނިން ވަނީ އެކުންފުނީގެ ގެލެކްސީ އެސް24 އަލްޓްރާ ސްމާޓްފޯނުގައި އޭއައި ފީޗާތައް ހިމަނާފައެވެ.
މީގެ އިތުރުން ސެމްސަންއިން ވަނީ އެންވިޑިއާގެ އޭއައި ޕްރޮސެސަރުތަކުގައި ބޭނުންކުރުމަށް ކޮލިފައިވުމުގައި ލަސްވާކަމަށް ބުނާ ރިޕޯޓުތައް ދޮގުކޮށްފައެވެ.
އަދި ހަމަ އެހެންމެ އެ ކުންފުނިން ދެވަނަ ކުއާޓަރުގެ ތަފްސީލީ ނަތީޖާ މި މަހުގެ ފަހުކޮޅު ހާމަކުރާނެކަމަށް ބެލެވޭ ކަމަށް ޓެކް ރިޕޯޓްތައް ބުނެއެވެ.