ގެލެކްސީ އެސް 25 އާއެކު ސެމްސަންގް ސްމާޓް އައިނު ވެސް ނެރެނީ

ސެމްސަންގުން އައިނުގެ މަސައްކަތްކުރަނީ ގޫގުލް އަދި ކުއަލްކޮމްއާ ގުޅިގެން ---

ދެކުނު ކޮރެއާގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނި ސެމްސަންގުން އަންނަ އަހަރު ނެރުމަށް ރާވާފައިވާ ގެލެކްސީ އެސް 25 ސީރީޒްގެ ސްމާޓްފޯނުތަކާއެކު އެކުންފުނީގެ އާ ސްމާޓް އައިނުވެސް ތަޢާރަފުކުރުމަށް ރާވާ ކަމަށް ޓެކް ރިޕޯޓެއްގައި ބުނެފިއެވެ.

ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސްއިން ޝާއިޢުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ސްމާޓް އައިނު ތަޢާރަފުކުރުމަށް ރާވާފައިވަނީ އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގެލެކްސީ އަންޕެކްޑް އިވެންޓުގައެވެ. ނަމަވެސް މި އިވެންޓުގައި ހަމައެކަނި ވީޑިއޯއެއް ނުވަތަ ފޮޓޯއެއް މެދުވެރިކޮށް މި އުފެއްދުން ދައްކާލާނީއެވެ. އަދި އޭގެ ވިޔަފާރި ފެށުމަށް ރާވާފައިވަނީ އަންނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ސްމާޓް އައިނަކީ އޯގްމެންޓެޑް ރިއަލިޓީ (އޭއާރު) ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކުރާ އުފެއްދުމެއް ކަމަށް ވެއެވެ. އަދި މިއީ މެޓާގެ ރޭ-ބަން ސްމާޓް އައިނުތަކާ ވާދަކުރުމަށް ނެރޭ އުފެއްދުމެއް ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް މި އައިނުގައި ޑިސްޕްލޭއެއް ނުހިމެނޭނެ ކަމަށް ލަފާކުރެވޭ ކަަމަށް ޔޮންހަޕް ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ.

ސެމްސަންގުން މިފަދަ އުފެއްދުމެއް ނެރުމަށް ރާވާކަން ކުރިން ވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ސެމްސަންގުން ވަނީ ގޫގުލް އަދި ކުއަލްކޮމްއާ ގުޅިގެން އެކްސްޓެންޑެޑް ރިއަލިޓީ (އެކްސްއާރު) އުފެއްދުންތަކެއް ތައްޔާރުކުރަމުންދާ ކަމަށް ބުނެފައެވެ.

ޔޮންހަޕް ނިއުސްގެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ސެމްސަންގުން މި މަހުގެ ފަހުކޮޅު އެކްސްޓެންޑެޑް ރިއަލިޓީ (އެކްސްއާރު) ޕްލެޓްފޯމެއް ތަޢާރަފުކުރާނެއެވެ. މި ޕްލެޓްފޯމަކީ ކުރިއަށް މުސްތަގުބަލުގައި ނެރޭ އެކްސްއާރު އުފެއްދުންތަކުގައި ބޭނުންކުރާނެ ޕްލެޓްފޯމެކެވެ. ނަމަވެސް މި އުފެއްދުންތަކުގައި ހިމެނޭނެ ސޮފްޓްވެއާ ފީޗާތަކާ ބެހޭ މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މި ސްމާޓް އައިނުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، މޫނާއި އިޝާރާތް ދެނެގަތުން، އަދި ޕޭމަންޓް ފީޗާއެއް ހިމެނޭނެ ކަމަށް ބެލެވެއެވެ.

ސެމްސަންގުން މިފަދަ އެކްސްއާރު އައިނެއް ނެރުމަށް ރާވާކަން ފުރަތަމަ ހާމަކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ގެލެކްސީ އަންޕެކްޑް އިވެންޓުގައެވެ. އޭރު ސެމްސަންގުން ބުނެފައިވަނީ މި އުފެއްދުމުގެ ހާޑްވެއާ އަދި ސޮފްޓްވެއާ ތައްޔާރުކުރުމަށް ކުއަލްކޮމް އަދި ގޫގުލްއާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

މި އުފެއްދުމާ ބެހޭ އިތުރު މަޢުލޫމާތު އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯންޗް އިވެންޓުގައި އާންމުކުރާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް